16 Nov 2015, 18:40
ރާއްޖޭގައި ވިއްކަމުން އަންނަ ބައެއް ގޮދަން ފުށުގައި މައްސަލައެއް ހުރިކަން ކަށަވަރުވެފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ބުނެފިއެވެ.
އެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގޮދަން ފުށުން ހަރުކޮށް ހެފޭ އެއްޗެއް ހުރިކަމަށް ބުނެ ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން، ސާމްޕަލްތައް ނަގައިގެން ތަހުލީލުކުރަމުން އަންނަ ކަމަށެވެ. އަދި އެގޮތުން ނެގި ސާމްޕަލެއްގައި އޭގެ އަސްލު ޒާތުގައި ހުރެގެން ނުވާނެ ފަދަ ހަރު އެތިކޮޅުތަކެއް ހުރިކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.
"...މިހާތަނަށް ކުރި ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން ގޮދަން ފުށުގެ ( ލޮޓް ނަމްބަރު 2015348 ) ގައި އޭގެ އަސްލު ޒާތުގައި ހުރެގެން ނުވާނެ ފަދަ ހަރު އެތިކޮޅުތަކެއް ހުރިކަމަށް ވަނީ ކަށަވަރުވެފައެވެ،" އެފްޑީއޭގެ ބަޔާނުގައި ވެއެވެ.
ގޮދަން ފުށުން އެފަދަ މައްސަލައެއް ފާހަގަވެއްޖެ ނަމަ އެ ފުށް ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ގޮދަން ފުށުގައި ހުރިކަން ކަށަވަރުވެފައިވާ މައްސަލަ، އިތުރަށް ތަހުލީލު ކުރުމަށް ފުށުގެ ސާމްޕަލް ރާއްޖޭން ބޭރަށް ފޮނުވައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެއޮތޯރިޓީން ބުންޏެވެ.