ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކި ސަރަހައްދުތަގެ މަގުތައް ހެދުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެމަސައްކަތް އިންޑިއާގެ ދެ ކުންފުނި ކަމަށްވާ މޯހަން މުތާ އެކްސްޕޯޓް އާއި އަޝޯކާ ބިލްޑްކޮން އެއްވެގެން ހަދާފައިވާ ކޮންސޯޓިއަމްއަކާއި އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްގައި ހަވާލުކޮށްފައިވާކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައާއި ގުޅޭގޮތުން އެކޮމިޝަނުން ބުނީ އެމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށެވެ.

އެ މަސައްކަތަށް ހުށަހެޅި ބިޑްތައް އިވެލުއޭޓް ކޮށްފައިވަނީ ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލުތަކާ އެއްގޮތަށް އަދި ކުންފުނީގެ ބޯޑުން ނިންމައިގެން އެ ނިންމުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ހުށަހެޅުމަށްފަހު އެކައުންސިލްގެ ލަފަޔާ އިރުޝާދާ އެއްގޮތަށް ކަމަށްވެސް އޭސީސީން ބުންޏެވެ.

އެ މަސައްކަތަށް ކޯޓޭޝަން ހުށަހެޅި ދެފަރާތުގެ ތެރެއިން އެމަސައްކަތް ހަވާލުކޮށްފައި ވަނީ އެ މަސައްކަތަށް އެންމެ ކުޑައަގު ހުށަހެޅި އަދި މަގު ހެދުމުގެ މަސައްކަތުގެ ތަޖުރިބާގެ ގޮތުންވެސް އެންމެ ރަނގަޅު ފަރާތާކަން ކަމަށް އޭސީސީން ބުންޏެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 40.3 މިލިއަން ޑޮލަރަށެވެ.

މަސައްކަތް އިންޑިއާގެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިދިއަ އޮކްޓޫބަރު 28 ވަނަ ދުވަހު އެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އޭރު ސަން އަށް ވިދާޅުވެފައި ވަނީ އެ ޕްރޮޖެކްޓުގެ ތެރެއިން އަލަށް ހިއްކި ސަރަހައްދުގެ މައިގަނޑު މަގުތައް ތާރުއަޅައި ހެދޭނެ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓުގެ ތެރެއިން ހުޅުމާލޭ ނޭބަހޫޑް ގުޅުވާލެވި ހުޅުމާލޭގެ ޓޫރިސްޓު ސަރަހައްދުތަކާއި ޔޮޓްމެރީނާއާއި ޕާކްތަކުގެ މަގުތައް ވެސް ހެދިގެންދާނެ ކަމަށް ސައިމަން ވަނީ ވިދާޅުވެފަ އެވެ.