ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ 90 އަށްވުރެ ގިނަ ޓީޗަރުން މިއަހަރު ތަމްރީނުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ފެށުމަށް ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ކަންކަން ވީހާވެސް ރަނގަޅަށް ގެއްދިއުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ވަޒީފާގެ ފުރުސަތުވެސް މިހާރު ތަނަވަސްކޮށްދެއްވާފައިވާ ކަމަށެވެ.

މުޖުތަމައުގައި ހިންގާ އެކިއެކި ކަންކަމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިކުރުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް މިނިސްޓަރުގެ ވާހަކަފުޅުދެއްކެވި އެވެ.

ދިރާގު ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން އެ ކުންފުނިން އެކި ޖަމިއްޔާތަކާ ގުޅިގެން ކުރިއަށްގެންދާ ފެސްޓިވަލެކެވެ.

އެގޮތުން މިއަދު ކުރިއަށްދާ ފެސްޓިވަލުގައި ވެސް އެކި ސްކޫލްތަކާއި ޖަމިއްޔާތައް ހިމެނޭގޮތުން 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ އެވެ.