16 Nov 2015, 15:50
ޕާކިސްތާނުގެ ކުރީގެ ކުރިކެޓް ކެޕްޓަން އިމްރާން ޚާނާއި ރޭހަމް ޚާން ވަރިވިތާ ދެ ހަފްތާ ފަހުން ރޭހަމް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އިމްރާނުގެ ޕާޓީ އިން ވަނީ އޭނާ ގެއިން ބޭރަށް ނުގޮސް ރޮށި ފިހެން ބަދިގޭގައި ހުރުމަށް ބުނެފައި ކަމަށެވެ.
ކުރިކެޓް ކުޅުންތެރިޔަކުން ސިޔާސީ ފަރާތަކަށް ބަދަލުވި އިމްރާން ޚާނާއި ރޭހަމް ޚާން ކައިވެނި ކުރިތާ 10 މަހަށް ފަހު ވަރިވެފައި ވަނީ މި އަހަރުގެ އޮކްޓޯބަރު 30ގައި އެވެ.
އިމްރާން ޚާނާއި ކައިވެނި ކުރުމަށް ޓަކައި 42 އަހަރުގެ ރޭހަމް ޚާން ވަނީ ބީބީސީގައި އޭނާ އަދާކުރަމުން އައި މޫސުމާ ބެހޭ ނޫސްވެރިއެއްގެ މަގާމުން ވަކިވެ، 2013އިގައި ޕާކިސްތާނަށް އެނބުރި ގޮސްފަ އެވެ.
ޕާކިސްތާނަށް ބަދަލުވުމަށް ފަހު އޭނާ އަދާކުރީ ޕެޝާވަރުގެ ގެދޮރުނެތް ކުދިންގެ އެމްބެސެޑަރެއްގެ މަގާމެވެ. ނަމަވެސް އެ ވަޒީފާ ވެގެން ދިޔައީ އިމްރާނުގެ ޕާޓީ، ޕާކިސްތާނު ތަހްރީކް އައި އިންސާފުގެ މެމްބަރުންނަށް ހިތްހަމަ ނުޖެހޭ މަސައްކަތަކަށް ކަމަށް ރޭހަމް ބުންޏެވެ. އެހެން ކަމުން އަމަލީ ގޮތުން އެމްބެސެޑަރެއްގެ މަގާމު އަދާކުރުން ވެގެން ދިޔައީ އުނދަގޫ ކަމަކަށް ކަމަށް އޭނާ ބުންޏެވެ.
"(ޕާޓީގެ) ސީނިޔާ އެޑްވައިޒަރަކު އަހަރެން ކައިރީގައި ވިދާޅުވީ، އެމީހުން (ޕާޓީން) ބޭނުން ވަނީ އަހަރެން ރޮށި ފިހެން ބަދިގޭގައި ހުރުމަށް ކަމަށް، އަދި ދުވަހަކު ވެސް ގެއިން ބޭރަށް ނުދިޔުމަށް،" ސަންޑޭ ޓައިމުސް އަށް ރޭހަމް ބުނެދީފައިވެ އެވެ.
އޭގެ އިތުރުން، އިންޓަވިއުއެއްގައި ރޭހަމްގެ ކުރީގެ ކައިވެނީގައި ލިބުނު ގެވެހި އަނިޔާގެ ވާހަކަ ދެއްކުން ވެސްވީ އިމްރާންގެ ޕާޓީ އިން ހިތްހަމަ ނުޖެހުން ފާޅު ކުރި ކަމަކަށެވެ.
އިމްރާން އެ ކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެކޭ ބުނެފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ރޭހަމް ލަފާ ކުރާގޮތުގައި އެ ދެ މީހުން ކައިވެނި ކުރި އިރު އިމްރާން ހުރީ ކައިވެންޏަކަށް ތައްޔާރަށް ނޫނެވެ.
"އަހަރެން ކައިވެނި ކުރީ އަހަރެން ދެކެ ލޯބިވާ ކަމަށް ބުނި، އަދި ދިރިއުޅުމާ ބެހޭ ގޮތުން އަހަންނާ ހިޔާލު އެއްގޮތް ކަމަށް ހީކުރި މީހަކާ. ނަމަވެސް ކަންތައްވީ އެހެނެއް ނޫން،" ރޭހަމް ބުންޏެވެ.
އިމްރާން ޚާން މީގެ ކުރިން ކައިވެނި ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ޖެމީމާ ގޯލްޑުސްމިތް އާ އެވެ. ކައިވެނި ރޫޅުނި ނުވަ އަހަރަށް ފަހު އެވެ.
ތިން ކުދިންގެ މަންމައެއް ކަމުގައިވާ ރޭހަމް ޚާން މިހާރު ދަނީ ދެ ފިލްމެއް ޕުރޮޑިއުސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މައުލޫމާތު: ޒީނިއުސް