ގައުމުގެ އިގްތިޞާދު ރަނގަޅުވުމުން ނޫނީ އާ މަޝްރޫއުތަކެއް ކުރިއަކަށް ނުގެންދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގައި މިއަދު ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ، ސަރުކާރުގެ ވިސްނުން މިހާރު ހުރީ ހިނގަމުންދާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ދައުލަތުގެ ބަޖެޓު ބެލެންސު ކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދައުލަތަށް އާމްދަނީ ވަންނާނެ ގޮތްތައް ކަނޑައަޅަންޖެހޭ ކަމަށާއި އެހެން ނޫން ކަމަށްވަނީ ނަމަ އިތުރު މަޝްރޫއެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މިނިސްޓަރު ޖިހާދު އެހެން ވިދާޅުވީ، މިއަހަރަށް ބަޖެޓުކޮށްފައި ހުރި ބައެއް މަޝްރޫއުތައް އަހަރު ނިމިގެންދާއިރު ފެށިފައި ނުވާއިރު އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އެ މަޝްރޫއުތައް ހިމެނިފައި ނުވާތީ އެކަމާ މެމްބަރުން ކަންބޮޑުވުންފާޅު ކުރެއްވުމުން ނެވެ.

"އަޅުގަނޑުމެން ވަކި ޕާޓީއަކަށް ނުވަތަ މީހަކަށް ނޫން ބަޖެޓު ފަރުމާކޮށްފައި ވަނީއެއް. އަދި ވަކި ޕާޓީއަކަށް ނިސްބަތްވާތީ ނުވަތަ ވަކި ދާއިރާއަކަށް ނިސްބަތްވާތީއެއް ނޫން ބައެއް މަޝްރޫއުތައް ހިމަނާފަ ނުވަނީއެއް ވެސް. ބައެއް މަޝްރޫއުތައް ހުންނާނެ ޓެންޑާ ބޯޑާ ހަވާލުކޮށް އިވެލިއުއޭޓު ކޮށްފައި ހުރި ޕުރޮޖެކްޓުތައް ވެސް ހުއްޓާލާފައި. ހަރަދު ކުޑަކުރަން ވެސް އެބަޖެހޭ ދެއްތޯ،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ، އެކަން އެގޮތަށް ކުރަމުން ދަނީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށާއި އެކަން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމަށެވެ.

"ބޭރު ގައުމެއްގައި އަޅުގަނޑު ނެތިން ގައުމުގެ ނަން ދަންނަވާކަށް. އެގައުމުގެ ބަޖެޓު 23 ބިލިއަން ޑޮލަރުން 33 ބިލިއަން ޑޮލަރަށް ބޮޑުކުރީ. އެހާ ބޮޑު ޖަންޕެއް ޖެހީ. އަޅުގަނޑު އެގައުމުގެ އިސްވެރިން ގާތު އެހިން ތިވަރަށް އާމްދަނީ ނުލިބޭ ކަމަށް ވަނީ ނަމަ ކިހިނެއްހޭ ކަންތައް ކުރާނީ. ވިދާޅުވި އެބޭފުޅުން ތިމަންނަމެން ޖެހޭނީ ބައެއް މަޝްރޫއުތައް ހުއްޓާލާށޭ އަދި ހަރަދު ކުޑަކުރާށޭ. އެހެންވީމަ މިކަން މިގޮތަށް ކުރަނީ އަޅުގަނޑުމެން ރާއްޖެއަކު ނޫން،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހަޅާފައި ވަނީ 27.457 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ފައިސާގެ ތެރެއިން 59 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. ބަޖެޓުގެ 41 ޕަސެންޓް ކަނޑައަޅާފައި ވަނީ ކެޕިޓަލް ހަރަދަށް ކަމަށްވާ އިރު އޭގެ 80 ޕަސެންޓް ހަރަދުކުރެ ވެނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ) ޕުރޮޖެކްޓްތަކަށެވެ.

އަންނަ އަހަރުގެ ބަޖެޓުން އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ އިރު އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 16.8 ބިލިއަން ރުފިޔާއި ޓެކްސް ނޫންގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 3.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 1.5 ބިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށައަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރެވޭ ހަތަރު ބިލިއަން ރުފިޔާ އެވެ.