ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އިންއާންމުކޮށްފިއެވެ.

އެ ދަފްތަރު އާންމުކޮށްފައި ވަނީoffenders.mvވެބްސައިޓުގައެވެ.

އެ ދަތްތަރުގައި 75 މީހެއްގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ. އޭގެތެރެއިން އެންމެ މީހަކު ފިޔަވައި އެހެން ހުރިހާ މީހުންގެ ފޮޓޯ ވަނީ އާންމުކޮށްފައެވެ.

އެ އެންމެންނަކީ ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހުންނެވެ.

އެ ދަފްތަރުގައި އެއް އަންހެނަކު ހިމެނިފައިވާއިރު، ހަތަރު ބިދޭސީން ވެސް ހިމެނިފައިވެއެވެ. އޭގެތެރެއިން ތިން ބިދޭސީން ނިސްބަތްވަނީ ބަނގުލަދޭޝްއަށެވެ. ދެން ހުރީ ސްރީ ލަންކާއަށް ނިސްބަތްވާ ބިދޭސީއެކެވެ.

އެ ދަފްތަރު އެކުލަވައިލަނީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުންނެވެ.

އެސްއެމްއެސް މެދުވެރިކޮށް ވެސް އެފަދަ މީހުންގެ މައުލޫމާތު ފަސޭހައިން ބެލޭނެ އިންތިޒާމް ހަމަޖައްސަންޖެހޭ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. ނަމަވެސް އެފަދަ ގޮތެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ އެ ދަފްތަރު އާންމުކުރުން ލަސްވީ އެކަން ކުރާނެ އިދާރާއަކާ ގުޅޭގޮތުން ފާއިތުވި އަހަރުތަކުގައި އުފެދުނު ދެބަސްވުންތަކެއްގެ ސަބަބުން ކަމަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ކުރިއަށްއޮތްތަނުގައި އެ ޚިދުމަތް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.

"މި ޚިދުމަތް އިތުރަށް ފުޅާކުރަން ވެސް އަޅުގަނޑުމެން ބޭނުންވޭ. ގާނޫނު ތަސައްވަރުކޮށްފައި އޮތްކަމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ކުރިން ނުނީ މިއިން އެއްވެސް ކަމަކާ ގުޅިގެން ޚިދުމަތެއްދޭން ދިޔުމުގެކުރިން ވަޒީފާއަށް އެޕްލައިކުރާ ފަރާތަކީ މިފަދަ ޓްރެކް ރެކޯޑެއް ނެތްކަން އާންމުންނާއި ވަޒީފާދޭ ފަރާތްތަކުން ކަށަވަރުކުރުން،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.