ޕެރިސް (ނޮވެމްބަރު 16) : ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުން ފަރަންސޭސިވިލާތަށް ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު ފަރަންސޭސިވިލާތާއި ސްޕޭން އާއި ނެދަލޭންޑްސްގެ ހަރުކަށި ޖަމާއަތްތަކާއި އެޖަމާއަތްތަކަށް ނިސްބަތްވާ މީހުން މުސްލިމުންނާ ދެކޮޅަށް އަޑުއުފުލައި މުސްލިމުންގެ ބައެއް މިސްކިތްތަކުގައި ހުޅުޖަހައިފި އެވެ.

ޕެރިސްގެ ހަމަލާތަކަށްފަހު ފަރަންސޭސިވިލާތުގެ ހަރުކަށި ފަރާތްތަކުން މިއަދު ވަނީ އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި މުސްލިމުންނާ ދެކޮޅަށް މުޒާހަރާކޮށް ފަރަންސޭސިބިމުން މުސްލިމުން ބޭރުކުރުމަށް ގޮވާލައި މުޒާހަރާއެއް ކޮށްފަ އެވެ. އެ މުޒާހަރާގައި ފަރަންސޭސި ހަރުކަށި އަދި ނަސްލީ އިމްތިޔާޒުގެ ވިސްނުމުގެ މީހުންވަނީ މުސްލިމުންނަކީ ފަރަންސޭސިވިލާތަށް އޮތް ބިރެއް ކަމަށް ސިފަކޮށް މާތްވެގެންވާ އިސްލާމްދީނާއި ޓެރަރިޒަމާ ގުޅުވައިގެން ޝިޢާރުތައް އުފުލާއެވެ. ނަމަވެސް މިއަހަރުގެ ކުރީކޮޅު ފަރަންސޭސިވިލާތުގެ ޝާލީ އެބްޑޫ ނޫހަށް ދިން ޙަމަލާގައި 12 މީހުން މަރުވުމުން ފަރަންސޭސި މުސްލިމުންނަށް ކުރިމަތިވި ވަރުގެ ދުއްތުރާތައް މިފަހަރުގެ ހަމަލާއަށްފަހު ކުރިމަތިވެފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕެރިހަށްދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސްޕޭން އާއި ނެދާލޭންޑްސްގެ ހަރުކަށި ފަރާތްތައް ވެސް ވަނީ މުސްލިމުނުންނާ ދެކޮޅަށް ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން ސްޕޭންގައި އެއް މިސްކިތުގައި މިއަދު ހުޅުޖަހާފައިވާއިރު ނެދާލޭންޑްސްގެ ދެ މިސްކިތެއްގައި އިއްޔެ ހުޅުޖަހާފައިވެ އެވެ. ނަމަވެސް އެ ދެ ޙާދިސާއާ ގުޅިގެން އެއިން އެއްވެސް ގައުމެއްގެ ފުލުހުން ބަޔަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ. މިތިން ޙާދިސާގައި ވެސް އެއްވެސް މުސްލިމަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެދެގައުމުގެ ފުލުހުން ބުނެއެވެ. (ނޫސްއެޖެންސީތައް)