ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އުޅެނީ ވަރަށް މަތީގައި ކަމަށާއި އެކަން ހައްލު ކުރަން ވިސްނަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ދިރިއުޅުމުގެ ހަރަދާއި ދިރި ހުރުމުގެ ހަރަދަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އެހާ ބޮޑުވެގެންދާ މައިގަނޑު އެއް ސަބަބަކީ ކުދި އާބަދީތަކުގައި މީހުން ދިރިއުޅުމެން އަންނާތީ ކަމަށެވެ.

"ނަމަވެސް ދިރިއުޅުމުގެ ހިސާބުން މި އެގޮތުން ސަރުކާރުން އާބާދީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެބަ ގެންގުޅެމު. އެގޮތުން ބައެއް ރަށްރަށުގެ ބިން ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން. ހުޅުމާލެ ދެ ވަނަ ފިޔަވައްސަކީ ވެސް އެކަމުގެ ހެއްކެއް،" ޖިހާދު ވިދާޅުވި އެވެ.

ސަރުކާރުގެ އެއް ފަސްކުރުމުގެ ސިޔާސަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުދި އާބާދީތަކުގައި ދިރިއުޅެމުންދާ ރައްޔިތުންތައް ބޮޑެތި ރަށްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރުވެސް 10 ރަށެއްގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ހަތަރު ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިއަދު އޮތް ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ:

"މިއިން ކޮންމެ ރަށަކީ އާބާދީއާ ތަރައްގީ އެއްފަސްކުރުމަށް އަމާޒު ކުރެވިގެން ހިއްކޭ ރަށްތައް. މިއަހަރުގެ ބަޖެޓުގައި މިއޮތީ ހިމެނިފައި އެ ބިންތައް ތަރައްގީ ކުރުމުގެ މަސައްކަތް ނުވަތަ އިންފުރާސްޓުރަކްޗާގެ މަސައްކަތް. ހުޅުމާލެ ވެސް މި ހިއްކަނީ އެބޭނުމުގައި. އެހެންވީމަ ހުޅުމާލެއަށް ވެސް ބޮޑު ޕޮޕިއުލޭޝަނެއް އަދި ރީޖަނަލް ޑިވެލޮޕްމަންޓަށް ވިސްނައިގެން ސަަރަހައްދީ ތަރައްގީއަށް ވިސްނައިގެން ވަކި ފޯކަސްޑު އައިލަންޑުތަކެއް މި ތަރައްގީ ކުރެވެނީ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިއަދުގެ ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރުން ވަނީ މިނިސްޓަރުންނާ އެއްފަސް ކުރުމުގެ ގިނަ ސުވާލުތަކެއް އަމާޒުކޮށްފަ އެވެ. އެގޮތުން ސަރުކާރުން އެއްފަސް ކުރުމުގެ ސިޔާސަތެއް ގެންގުޅެމުންދާއިރު ކުދި އާބާދީގެ ރަށްތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުން ބަދަލު ކުރާނެ ރަށްތަކެއް ސަރުކާރުން ކަނޑައަޅާފައިވޭތޯ މެމްބަރުން ވަނީ ސުވާލު ކުރައްވާފަ އެވެ.

"ތިބޭފުޅުން ރައްޔިތުންނާ އެއްވެސް ވަރަށް މަޝްވަރާކޮށް އެ ރައްޔިތުންގެ ހިޔާލެއް އެބަ ހޯދަންތޯ ތި މައްސަލާގައި {އާބާދީ އެއްފަސް ކުރުން}. އަޅުގަނޑު ދެކޭ ގޮތުގައި ކުރަންޖެހޭނެ އިނގޭތޯ. ހަމަގައިމުވެސް އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން ބޭނުމެއް ނުވޭ މާލޭ ކައިރިއަށް އަންނާކަށް." ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.

ބައެއް މެމްބަރުން ވިދާޅުވީ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅޭއިރު ކުދި އާބާދީތަކުގައި ދިރިއުޅޭ ރައްޔިތުން އެހެން ރަށްތަކަށް ބަދަލުކުރާއިރު އެ ރައްޔިތުންނަށް އެކަށީގެންވާ ބަދަލެއް ދޭންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ސަރުކާރަކަށް އެ ބަދަލު ނުދެވޭ ކަމަށް މެމްބަރުން ފާހަގަކުރެއްވި އެވެ.