ފުރާންސުގެ ޕެރިހުގައި ހުކުރު ދުވަހު ދިން ހަމަލާ އަށް ފަހު ފޭސްބުކުން ވަނީ އެ ހަމަލާތައް ދިން ސަރަހައްދުގައި ތިބި މީހުން ހަމަލާއިން ސަލާމަތްވިތޯ ބަލަން ސޭފްޓީ ޗެކް ޓޫލް އެއް ތައާރަފް ކޮށްފަ އެވެ.

ނަމަވެސް ބޭރޫތުގައި ދިން ދެ ބޮން ގޮއްވުމުގެ ހަމަލާ ފަދަ ހަމަލާތަކަށް ފޭސްބުކުން ސޭފްޓީ ޗެކް ތައާރަފް ކޮށްފައި ނުވާތީ ގިނަ ބަޔަކު ވަނީ ފޭސްބުކަށް ފާޑު ކިޔާފަ އެވެ. އެހެން ކަމުން ފޭސްބުކުން ވަނީ ސޭފްޓީ ޗެކް މިހާރު ބޭނުން ކުރާ ވަރަށް ވުރެ ފުޅާކޮށް ބޭނުން ކުރަން ނިންމާފަ އެވެ.

ފޭސްބުކް ސޭފްޓީ ޗެކް ޓޫލް މީގެ ކުރިން ބޭނުން ކޮށްފައި ވަނީ ހަމައެކަނި ގުދުރަތީ ކާރިސާ ތަކާ ގުޅުވައިގެންނެވެ.

ފޭސްބުކްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މާކް ޒަކާބާގް ވަނީ ފާޑު ކިޔުންތެރިން ބުނެފައި ވަނީ ތެދު ވާހަކައެއް ކަމުގައި ބުނެފަ އެވެ. އަދި ދުނިޔޭގައި ހިނގާ އެހެނިހެން ބޮޑެތި ހަމަނުޖެހުންތަކަށް ވެސް ފޭސްބުކުން އަލި އަޅުވަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

"ދުނިޔޭގައި އެ ފަދަ އެހެން ހަމަނުޖެހުންތައް ވެސް އެބަ ހިނގާ. މީގެ ކުރިން ސޭފްޓީ ޗެކް ބޭނުން ކުރުމުގައި ފޭސްބުކުގެ އުސޫލަކީ އެ ޓޫލް ހަމައެކަނި ގުދުރަތީ ހާދިސާ ތަކަށް ބޭނުން ކުރުން. ނަމަވެސް މިހާރު އަޅުގަނޑުމެން ވަނީ އެ އުސޫލު ބަދަލު ކޮށްފައި. ކުރިއަށް އޮތް ތަނުގައި އެހެނިހެން ހާދިސާ ތަކަށް ވެސް ސޭފްޓީ ޗެކް ބޭނުން ކުރާނެ،" މާކް ޒަކާބާގް ގެ ފޭސްބުކުގައި ވިދާޅުވެފައިވެ އެވެ.

ފޭސްބުކުން އެންމެ ފުރަތަމަ ސޭފްޓީ ޗެކް ބޭނުން ކޮށްފައި ވަނީ 2011ގައި ޖަޕާނަށް އެރި ސުނާމީ އާ ގުޅިގެންނެވެ. އޭގެ ފަހުން ނޭޕާލް އަށް އައި ބިން ހެލުން ފަދަ ބޮޑެތި ތޫފާންތަކާ ގުޅިގެން ވެސް ސޭފްޓީ ޗެކް ބޭނުންކޮށްފައިވެ އެވެ.

ފޭސްބުކުން ބުނެފައިވާ ގޮތުގައި އެ ޓޫލް ބޭނުން ކުރަން ނިންމަނީ ކާރިސާ އެއްގެ ބޮޑު މިނަށް ބަލާފައި ކަމަށެވެ.

ހުކުރު ދުވަހު ޕެރިހުގައި ދިން ހަމަލާއަށް ފަހު 360 މިލިއަން މީހުން ސޭފްޓީ ޗެކް ބޭނުން ކޮށްފައިވެ އެވެ.

މައުލޫމާތު: ޕީސީ ވޯލްޑް