16 Nov 2015, 14:19
ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ހއ. ދިއްދޫ ޓީނޭޖް ބޯއިސް ސްޕޯޓްސް ކްލަބާއި ލ. ފޮނަދޫ ޒުވާނުންގެ ރޫހު ހޯދައިފި އެވެ.
ފޮނަދޫ ޓީމަށް ސެމީގެ ފަހު ޖާގަ ލިބިގެންދިޔައީ ނައިފަރު ޖުވެނައިލް އާއި ފޮނަދޫ ޕޮއިންޓްގެ ގޮތުން އެއްވަރުވުމުން ދެ ޓީމު ކުޅުނު މެޗަށް ބަލާއިރު ފޮނަދޫ އެ މެޗު ކާމިޔާބުކޮށްފައި ވުމުން ނެވެ. ފޮނަދޫ އާއި ނައިފަރު ޖުވެނައިލް ހޮނިހިރު ދުވަހުގެ ރޭ ބައްދަލު ކުރި މެޗު ފޮނަދޫ ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ދިއްދޫ ސެމީ ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ ފަހު މެޗުގައި ރޭ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. ދިއްދޫ ޓީމުން ސެޓުތައް ކާމިޔާބުކުރީ 25-14، 25-13 އަދި 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދިއްދޫގެ ހަނާ ޖެރަބޮވާ އެވެ.
މުބާރާތުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ދިއްދޫ އާއި ފޮނަދޫ އެވެ. މި މެޗުން ބަލިވާ ޓީމެއް ކަޓާނެ އެވެ. މޮޅުވާ ޓީމެއް ޖެހޭނީ މިރޭ ފުރަތަމަ ސެމީ ފައިނަލުގައި ޕޮލިސް ކްލަބާއި އިހަވަންދޫ ކްލަބް ޕޯލް ސްޓާ ކުޅެ ބަލިވާ ޓީމަކާ އެކު މާދަމާ ތިން ވަނަ ސެމީ ފައިނަލް ކުޅޭށެވެ. ފައިނަލުން ޖާގަ ލިބޭނީ މިރޭ މޮޅުވާ ޓީމަކާއި މާދަމާ ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށެވެ.