ޔަންމާ ފޭކު ސްޕެއާ ވިއްކަމުންދާތީ، އެކަމަށް ސަމާލުވުމަށް "ޖެނުއިން ސްޕެއާ ކެމްޕެއިން"ގެ ނަމުގައި އެމްޓީސީސީ އިން ކެމްޕެއިނެއް ފަށައިފިއެެވެ.

އެ ކެމްޕެއިންގެ ދަށުން ނޯތު ހާބަރުގައި މިއަދު ކުރިއަށްގެންދާ "ޔަންމާ ސާރވިސް ޑޭ" ހަރަކާތުގައި މީޑިއާއަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ އެސިސްޓަންޓް ޕްރޮޑަކްޝަން އޮފިސަރު ސާމިހު ޝެހެނާޒް ވިދާޅުވީ، އެ ކެމްޕެއިންގެ މައިގަނޑު މަޤްސަދަކީ އޮޑިވެރިން ސްޕެއާސް އާއި މެދު ހޭލުންތެރި ކުރުވުން ކަމަށެވެ.

"އޮޑިވެރިންނަށް ނޭނގިވެސް އިންޖިނީއަރުން މެދުވެރިކޮށް ނަކަލު ސްޕެއާ ތަކެއް މާކެޓަށް ރިލީސްކުރެވިގެން އެބަދޭ. އެހެންކަމުން ނަކަލު ސްޕެއާ އާއި އޮރިޖިނަލް ސްޕެއާ ދެނެގަންނާނެ ގޮތްތަކާއި އޭގެ ފީޗާތައް އަޅުގަނޑުމެންގެ ޓީމުތައް މި އޭރިއާތަކުގައި ހަރަކާތްތެރިވަމުން ދާނެ،" ޝެހެނާޒް ވިދާޅުވިއެވެ.

އަދި މިއަދުގެ ހަރަކާތުގެ ތެރެއިން ނޯތު ހާބަރުގައި އަޅާފައިވާ އުޅަނދު ފަހަރުގައި ބޭނުން ކުރަނީ ކޮން ކަހަލަ ސްޕެއާއެއްތޯ ބަލައި މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށްވެސް ޝެހެނާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އިވެންޓް އަވަސް މުސްތަގުބަލެއްގައި ގާފަރާއި ދިއްފުށީގައި ކުރިއަށްދާނެ ކަމަށާއި، މިމަހުގެ ނިޔަލަށް އެ ކެމްޕެއިންގެ އިވެންޓްތައް އެމްޓީސީސީ ޝޯވްރޫމްގައި ވެސް ކުރިއަށްދާނެ ކަމަށެވެ.