ހާއްސަ ޑިސްކައުންޓްތަކަކާއެކު އެވިޑް ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހުގައި އެ ކޮލެޖުން ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެވިޑުން ދޭ ހާއްސަ ޑިސްކައުންޓަކުގެ ތެރޭގައި އެ ކޮލެޖްގެ ކޯސްތަކުން ސެޓްފިކެޓް 3 ހެދުމަށް ފޯމު ހުށަހަޅާ ދަރިވަރުންގެ ތެރެއިން ފުރަތަމަ 150 ދަރިވަރުންނަށް ކޯސް ހިލޭ ލިބެއެވެ. އޭގެ އިތުރުން ސެޓްފިކެޓް 4 އިން ފެށިގެން މާސްޓާޒް އާއި ހަމައަށް ކިޔަވާ ކުދިންނަށް ކޯސްފީގެ 50 ޕަސެންޓް ޑިސްކައުންޓް ލިބެއެވެ.

އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ވިދާޅުވީ އެވިޑް ކޮލެޖުން އެފަދަ ފުރުސަތުތަކެއް ހުޅުވާލީ އެ ކޮލެޖަކީ ގައުމަށް އެ ކޮލެޖްގެ ފަރާތުން ކަންތައްތަކެއްކޮށް ދޭ ބައެއްގެ ގޮތުގައި ދެމިތިބުމަށް ކަމަށެވެ.

"ސެޓެފިކެޓް ލެވެލް 3 އަށް ކިޔަވާ ކުދިންގެ ތެރެއިން 150 ކުދިންނަށް ކޯސް ހިލޭ ދިނީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ކުދިންނަށް އަދި މުޖުތަމައަށް ވަރަށް ބޮޑަތި ފައިދާތަކެއް ވާނެ. އަޅުގަނޑު ގަބޫލުކުރަނީ ސެޓްފިކެޓް 3 ކިޔެވުނީމަ ދެން އޮތް ލެވެލްއަށް ކިޔަވަން އާ ހިތްވަރަކަށް ވެގެންދާނެ،"

އޭނާ ވިދާޅުވީ ސެޓްފިކެޓް 4 އިން ފެށިގެން މާސްޓާޒް އާއި ހަމައަށް ކިޔަވާ ކުދިންނަށް 50 ޕަސެންޓް ޑިސްކައުންޓް ދިނުމުގައި ވަކި ކަންތައްތަކަކަށް ބަލާނެ ކަމަށެވެ. އެގޮތުން އެކުދިންނަށް އިންޓަވިއުކޮށް ވަކި ކަންތައްތަކެއް ބަލާނެކަމަށް އެ ކޮލެޖްގެ ޗެއާމަން ވިދާޅުވި އެވެ.

އެވިޑް ކޮލެޖްގެ ސެޓްފިކެޓް 3 ގެ ކޯސްތަކުގައި ހިމެނެނީ މެނޭޖްމަންޓް ދާއިރާ އާއި އާލީ ޗައިލްޑްހޫޑް އެޑިއުކޭޝަން އަދި ހިއުމަން ރިސޯސް މެނޭޖްމަންޓް އެވެ.