މެސެޗޫސެޓްސް (ނޮވެމްބަރ 16) :އެމެރިކާގެ މެސެޗޫސެޓުގައި ހުންނަ ލޭކް ސެއިންޓް އާމީ ރިޒާވް ސެންޓަރުން ހޮނިހިރު ދުވަހު ހަތިޔާރުތަކެއް ވަގަށް ނަގައިފި އެވެ.

ވަގަށް ނަގާފައިވާ ހަތިޔާރު ހޯދުމަށް ޓަކައި މެސެޗޫސެޓުސްގެ ފުލުހުންނާއި އެމެރިކާގެ ފެޑެރަލް ބުރިއައު އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ވަގަށް ނަގާފައި ވަނީ ކޮން ބާވަތެއްގެ، ކިތައް ހަތިޔާރު ކަމެއް އެފްބީއައި އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މިހާރު އެ ހަތިޔާރު އެމެރިކާގެ ގައުމީ ޑާޓާބޭސް އަށް ލާފައި ވާނެ ކަމަށާއި އޭގެ އެލާޓް ސަލާމަތީ ހުރިހާ ފަރާތްތަކަށް ފޮނުވާފައި ވާނެ ކަމަށް އެފްބީއައިގެ ތަރުޖަމާނު ކުރިސްޓިން ސެޓޭރާ ވިދާޅުވި އެވެ.

"ވައްކަމަކީ ޓެރަރިޒަމް އާއި ގުޅިފައިވާ ވައްކަމެއް ކަމަށް ދައްކާ އެއްވެސް ހެއްކެއް ނެތް. ނަމަވެސް، އަޅުގަނޑުމެން މި ދަނީ ވަގަށް ނަގާފައިވާ ހަތިޔާރު ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން،" ސެޓޭރާ ވިދާޅުވި އެވެ.

މެސެޗޫސެޓުސް އިން ހަތިޔާރު ވަގަށް ނަގާފައި ވަނީ ފުރާންސުގެ ޕެރިހުގައި ހުކުރު ދުވަހު ދިން ހަމަލާތަކަށް ފަހު، އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރަން ސްޓޭޓް އޮފިޝަލުން ގޮވާލާފައި ވަނިކޮށެވެ.

މައުލޫމާތު: ފޮކްސް ނިއުސް