ސިއްޚީ ޚިދުމަތްދޭ ތަންތާނގައި ކުނި ނައްތާލެވޭ ރަނގަޅު ނިޒާމެއް ގާއިމު ކުރެވިފައި ނެތް ކަމަށާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި ކުނި ނައްތާލަން ޖެހޭނީ ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ސިއްޚީ ހިދުމަތް ދޭ ތަންތަނުގައި ކުނި މެނޭޖު ކުރުމާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯއިން ތައްޔާރު ކޮށްފައިވާ ސިޔާސަތު ފައިނަލް ކުރުމުގެ މަޝްވަރާތައް މިއަދު ވަނީ ފަށާފަ އެވެ.

އެޗްޕީއޭ އިން އިންތިޒާމް ކުރި މަޝްވަރާ ބައްދަލުވުމާ ގުޅޭ ގޮތުން އެޗްޕީއޭގެ ޕަބްލިކް ހެލްތް ޕްރޮގްރާމް ކޯޑިނޭޓަރު އައިމިނަތު ޝައުފާ ވިދާޅުވީ ސިއްޚީ ޚިދުމަތް ދޭ ތަންތަނުން ކުނި ނައްތާލަނީ ރަނގަޅު ނިޒާމެއްގެ ތެރެއިން ނޫން ކަމަށާއި އެފަދަ ތަކެތި އަންދާލައިގެން ނައްތާލާނަމަ ކެންސަރާއި އެހެނިހެން ބަލިތައް ޖެހުމަށް މަގުފަހިވާނެ ކަމަށެވެ.

"ބޭނުން ކުރެވޭ ސިރިންޖު ފަދަ ތަކެތި ރަނގަޅު ގޮތުގައި ނައްތާ ނުލެވިއްޖެ ނަމަ ހެޕަޓައިޓިސް ނުވަތަ އެޗްއައިވީ ފަދަ ބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑު،" ޝައުފާ ވިދާޅުވިއެވެ.

ޝައުފާ ވިދާޅުވީ، ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ކުނި ނައްތާލުމުގެ ސިޔާސަތު ކަނޑައަޅާފައި ވަނީ ހޮސްޕިޓަލްތަކުގައި މިހާރު ކުނި ނައްތާލާ ގޮތް ބެލުމަށްފަހު ކަމުގައި ކަމަށެވެ.

"މި ސިޔާސަތު އެކުލަވާލާފައިވަނީ ޑަބްލިއުއެޗްއޯގެ އެހީގައި ކޮންސަލްޓަންޓެއް ރާއްޖެވަޑައިގެން ކުޑަކުޑަ އެސެސްމަންޓެއް ހައްދަވާފަ ހޮސްޕިޓަލް ތަކުގައި ކުނި މެނޭޖު ކުރެވެނީ ކިހިނެއް ތޯއާއި، މިހާރު ކުނި ނައްތާލެވޭ ގޮތާއި ގުޅޭ ގޮތުން،" ޝައުފާ ވިދާޅުވިއެވެ.

"މި ސިޔާސަތު ތަންފީޒު ކުރެވެން ފެށީމަ އަޅުގަނޑުމެން އުއްމީދުކުރަނީ ރަނަގަޅު ގޮތެއްގައި ސިއްޚީ ޚިދުމަތްދޭ ތަންތާނގައި އުފެދޭ ކުނި ނައްތާލެވޭނެ ކަމަށް،"

އެ ސިޔާސަތު ފައިނަލް ކުރުމަށްފަހު އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ބޭފުޅުންނަށް، ސިއްޚީ ޚިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ރަނގަޅުގޮތުގައި ނައްތާލެވޭނެ ގޮތާ ގުޅޭ ގޮތުން ތަމްރީނު ޕްރޮގްރާމެއް ބާއްވާނެ ކަމަށް ވެސް ޝައުފާ ވިދާޅުވިއެވެ.

ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ކުނި މެނޭޖު މުރުމުގެ ސިޔާސަތުގެ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު

ސިއްޚީ ހިދުމަތް ދޭ ތަންތަނުގައި ކުނި މެނޭޖު ކުރުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މާލޭގެ ހޮސްޕިޓަލްތަކުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުންނާއި ޔޫއެންގެ އޯގަނައިޒޭޝަންތައް ބައިވެރިވި އެވެ.