ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގަށް ހޯދަމުންދާ ހ. އައިދަ، މުޙައްމަދު އަޞީލް އަޙްމަދު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު ލިބިފައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުހައްމަދު ނިޒާރު "ސަން"އަށް މިއަދު ވިދާޅުވީ އަސީލް މަގާމުން ވަކިކުރީ ރައީސް އޮފީހަށް އެކަން ހުށަހަޅައި "ހުއްދަ" ލިބުމުން ކަމަށެވެ.

އަސީލަކީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވާ ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރިކަމެއް ކަށަވަރެއް ނުވެ އެވެ.

ފުލުހުން ވަނީ އަސީލް ދިރިއުޅުއްވާ ގެއަށް ދެ ފަހަރެއްގެ މަތިން ވަދެ، ބަލައިފާސްކޮށް، ބައެއް ތަކެތި އެގެއިން ގެންގޮސްފަ އެވެ.