16 Nov 2015, 11:11
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްއެސް) ގެ ޑީން ކަމުގެ މަގާމަށާއި ގައުމީ ޔުނިވާސިޓީގެ ލ. ގަމު ކެމްޕަހާއި އައްޑޫ ސިޓީގެ ހިތަދޫ ކެމްޕަހުގެ މެނޭޖަރު ކަމަށް ހޮވިވަޑައިގެންނެވި ބޭފުޅުންނާ މަގާމް ހަވާލުކޮށްފިއެވެ.
އެފްއެޗްޓީއެސްގެ ޑީން ކަމަށް ހޮވިވަޑައިގެންފައި ވަނީ ޒީނާތު ހުސައިނެވެ. ލ. ގަމު ކެމްޕަހުގެ މެނޭޖަރު ކަމަށް ހޮވިވަޑައިގެންފައި ވަނީ އާމިނަތު ޒާހިރާއެވެ.
އެބޭފުޅުންނާ މަގާމު ހަވާލުކުރައްވާފައި ވަނީ މިއަދު ހެނދުނު 8:30 ގައި ޔުނިވާސިޓީގެ މަރުކަޒީ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެބޭފުޅުންނާއެކު ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރައްވައި ރަސްމީކޮށް މަގާމް ހަވާލުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފާއި ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. މުއާވިޔަތު މުހައްމަދެވެ.
ގައުމީ ޔުނިވާސިޓީގެ ޑީނުންނާއި ކެމްޕަސް މެނޭޖަރުން އައްޔަން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ: އަލީ ނަސީރު
އެ ރަސްމިއްޔާތުގައި އެފްއެޗްޓީއެސްގެ ޑީން ކަމަށް ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގެންނެވި ޒީނާޒު ހުސައިން ވިދާޅުވީ އެ ފެކަލްޓީއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ފަށާ ތައުލީމީ މުއައްސަސާ ކަމަށެވެ.
ހިތަދޫ ކެމްޕަހުގެ މެނޭޖަރު ކަމަށް އައްޔަން ކުރި އާމިނަތު ޒާހިރާ ވިދާޅުވީ އެންމެ ޚާއްސަކަމެއްދީގެން އޭނާ ކުރާނީ ޔުނިވާސިޓީގެ އިސްތިޖާރީ ރޭވުމުގެ އޮނިގަނޑުގެ ތެރެއިން ކެމްޕަހުގެ ފެންވަރުގައި އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.
ލ. ގަމު ކެމްޕަހުގެ މެނޭޖަރު ޝާހިދާ ވިދާޅުވީ އެންމެ ޚާއްސަ ސަމާލުކަމެއްދީގެން ކުރާނީ ކެމްޕަހަކީ އާންމުންގެ ނަޒަރުގައި އަގުހުރި ތަނެއްކަމުގައި ބަލައިގަންނާނެފަދަ މަސައްކަތްތަކެއް ކަމަށެވެ.
ގައުމީ ޔުނިވާސިޓީގެ ޑީނުންނާއި ކެމްޕަސް މެނޭޖަރުން އައްޔަން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ: އަލީ ނަސީރު
ގައުމީ ޔުނިވާސިޓީން ބުނީ އެބޭފުޅުންނަކީ އެ މަގާމުތަކަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން އެންމެ ފުންނާބުއުސް އަދި އިންޓަވިއުގައި އެންމެ މަތިން މާކްސް ހޯއްދެވި ބޭފުޅުން ކަމަށެވެ.