16 Nov 2015, 10:20
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންޒާރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ހާމިދުގެ ބަންދަށް ފަސް ދުވަސް އިތުރުކުރީ އިއްޔެ ކަމަށެވެ. ކުރިން އޭނާގެ ބަންދަށް އިތުރުކޮށްފައި ވަނީ 15 ދުވަހެވެ.
އޭނާގެ ބަންދަށް 15 ދުވަސް އިތުރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ އެ ނިންމުމަށް ތާއީދުކޮށްފައެވެ.
ހާމިދު ހައްޔަރުކޮށްފައި ވަނީ މެލޭޝިޔާގައި އޭނާ ހުއްޓައި އެގައުމުގެ ފުލުހުންނެވެ. މެލޭޝިއާ އިން އޭނާ ރާއްޖެ ފޮނުވާލުމުން ދިވެހި ފުލުހުން ވަނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓުގައި އޭނާ ކައިރިކުރުމުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.
ހާމިދުގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ ވައިބާ މެދުވެރިކޮށް ރައީސް ޔާމީނަށް އިންޒާރުދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.
ސުއޫދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގު ޓީމުން ހާމިދުގެ ބަޔާން ނަގާފައިވާ ކަމަށެވެ.