ހދ. މަކުނުދޫގައި ފިރިހެނުންތަކެއް ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ބަކަރި އަށް، ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއްވެ، އެސޮރުގެ ފުރާނައަށް ނުރައްކާވެފައިވާތީ ވެރިފަރާތުން އެ ބަކަރި ކަތިލައިފި އެވެ.

އިއްޔެ ރޭގެ ވަގުތެއްގައި ހަތަރު ފިރިހެނަކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ބަކަރިއާ ގުޅޭ ގޮތުން މަކުނުދޫ ކައުންސިލްގެ ރައީސް މުހަންމަދު ރިލްވާން މިއަދު ވިދާޅުވީ، ބަޔަކު މީހުން ވެގެން ފާހިޝް އަމަލެއް ހިންގިކަމަށް ބުނާ ބަކަރި މިހާރު އޭގެ ވެރިފަރާތުން ކަތިލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބަކަރި ކަތިލީ އެއަށް ޖިސްމާނީ ގޮތުން ބޮޑަތި ގެއްލުންތަކެއް ލިބި ފުރާނަ އަށް ނުރައްކާވެފައިވުމާއި އަދި ދީނީ ދަންނަބޭކަލުން ވެސް ބަކަރި ކަތިލުމަށް އިރުޝާދުގެ ދެމުން އަންނާތީ ކަމަށެވެ.

"އޭގެ ވެރިފަރާތުން މިހާރު އެ ކަތިލާފައި ވަނީ. އޭތި މަރުވުމުގެ ކުރިން ހާލުދެރަކޮށް މި އޮތީ. އެ ބަކަރީގެ ހާލަތު އޮތް ގޮތުން ހީވަނީ ހަމަ އެމީހުން އެފަދަ ކަމެއްކޮށްފައިވާހެން. ދެން ބައެއް ދީނީ ދަންނަބޭކަލުން ވެސް ވިދާޅުވެ ދެން އެންމެ ރަނގަޅުވާނީ އެ ކަތިލުމޭ. އެހެންވެ ވެރިފަރާތުން (އެ ބަކަރި) ކަތިލުމަށް ފަހު ވަޅުލީ،" ރިލްވާން ވިދާޅުވި އެވެ.

ބަކަރީގެ ވެރިފަރާތުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

"އަޅުގަނޑުމެން ]ބަކަރި[ މަރުވުމުގެ ކުރިން މި ކަތިލީ. އޭރު ވެސް ބަކަރި އޮތީ ވަރަށް ހާލުދެރަކޮށް،" ނަން ނުޖެހުމަށް ޝަރުތުކޮށް ބަކަރީގެ ވެރިފަރާތުން ބުންޏެވެ. އިތުރު އެއްވެސް މައުލޫމާތެއް ދިނުމަށް އޭނާ ބޭނުމެއް ނުވި އެވެ.

މަކުނުދޫގެ ތުނޑިމައްޗަށް ބަކަރި ގެންގޮސްގެން، އެ ސޮރާ އެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ސުވާލުކޮށްފައި ވަނީ އެ ރަށަށް ނިސްބަތްވާ 18 އަހަރުގެ ޒުވާނަކާއި އަދި ހދ. ނޭކުރަންދޫން އެ ރަށަށް ގޮސްއުޅުނު ތިން ޒުވާނުންނާ ކަމަށް މަކުނުދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެ ބަކަރި ފެނިފައި ވަނީ ބަކަރީގެ ވެރިފަރާތުން ބަކަރި ހޯދަމުން ދަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައި އެރަށު ތުނޑި މަތިން ކަމަށާއި އޭރު ބަކަރި އޮތީ ހިނގައި ނުގަނެވޭ ވަރަށް ޖިސްމާނީ ގޮތުން ގެއްލުންވެފައި ބަކަރީގެ ވެރިފަރާތާ ހަވާލާދީ އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

މިދިޔަ ހަފްތާ ތެރޭގައި ވެސް މަކުނުދޫން ވަނީ ބަދުއަހުލާގީ އަމަލެއްގެ މައްސަލަ ފެންމަތިވެފަ އެވެ. އެގޮތުން މީހަކު ވެގެން ވަނީ އެ ރަށުގައި އުޅޭ އިންޑިޔާގެ އަންހެނަކު ރޭޕްކޮށްލައިފަ އެވެ. އެ މައްސަލަ ވެސް ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.