16 Nov 2015, 10:26
ބެއިޖިން (ނޮވެމްބަރ 16):ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޗައިނާގެ ޒީޖަންގު ޕުރޮވިންސަށް ހުކުރު ދުވަހުގެ ރޭ ދިމާވި ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގެ ސަބަބުން މަރުވި މީހުންގެ އަދަދު 25 އަށް އަރައިފި އެވެ.
އަދި އެ ހާދިސާގެ ސަބަބުން 16 މީހަކު ހޯދައި ނުފެނިފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ފެންބޮޑުވުމުގެ ސަބަބުން ހާދިސާ ހިނގި ލިޑޮންގު އަވަށުގެ 30 ވަރަކަށް ގެ ވަނީ ފެނު އަޑީގައި އެވެ. އަދި ވެލިގަނޑު ފޭބުމުގެ ސަބަބުން ރަށުގައި އެއްވެފައިވާ ގަލާއި ކިލާގެ ސަބަބުން ގެއްލިފައިވާ މީހުން ހޯދުމަށް ދަނީ އިތުރަށް ހުރަސް އެޅެމުންނެވެ.
ހާދިސާ ހިނގިތާ ދެ ދުވަސް ވެފައިވާ އިރު، މިހާތަނަށް ސަލާމަތް ކުރެވިފައި ވަނީ އެންމެ މީހަކު ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ލިޑޮންގު އަވަށުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މީގެ އިތުރުން ހާދިސާގައި އަނިޔާވި ފަރާތްތަކަށް އެހީ ވުމަށާއި ގެއްލިފައިވާ މީހުން ހޯދުމަށް ސަލާމަތީ ފަރާތްތަކުގެ އިތުރުން، ތަމްރީނު ކޮށްފައިވާ ކުއްތާ އާއި، މީހުން ހޯދާ މެޝިނެރީ އާއި، ސައިކޮލޮޖިސްޓުން ވެސް އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށް އޮފިޝަލަކު ވިދާޅުވި އެވެ.
ޗައިނާގެ މީޑިޔާތަކުގައިވާ ގޮތުން ގެއްލިފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އުމުރުން ދުވަސްވެފައިވާ މީހުންނެވެ.