16 Nov 2015, 09:54
ޕެރިސް (ނޮވެމްބަރު 16) : ފަރަންސޭސި އަސްކަރީ މަތިންދާބޯޓުތަކުން ސޫރިޔާގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަށް އިއްޔެ ދިން ވަރުގަދަ ޙަމަލާތަކުން އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
އިންޓަނެޓްގައި ޝާއިޢުކޮށްފައިވާ އައިއެސްގެ ބަޔާނެއްގައި ބުނެފައި ވަނީ ފަރަންސޭސީންގެ ޙަމަލާއެއް ސޫރިޔާގައި އެޖަމާއަތުގެ އެއްވެސް މަރުކަޒަކަށް އަރާފައިނުވާ ކަމުގަ އެވެ. ނަމަވެސް ފަރަންސޭސި ދިފާއީ ވުޒާރާއިން ބުނެފައި ވަނީ އެގައުމުގެ އަސްކަރީ 10 މަތިންދާބޯތަކުން އިއްޔެ އައިއެސްގެ 20 މަރުކަޒަކަށް ބޮންއަޅާފައިވާނެ ކަމަށާ މިޙަމަލާތަކުގައި އައިއެސްގެ ކޮމާންޑް ސެންޓަރެއް އެއްކޮށް ހަލާކުކޮށްލެވިފައިވާ ކަމުގަ އެވެ. މިކޮމާންޑް ސެންޓަރަކީ ބޮމުގެ ޙަމަލާތައް އަމާޒުކުރި ސޫރިޔާގެ އައްރިއްގާ ސިޓީގައިވާ މަރުކަޒެއްކަމަށް ވެސް ފަރަންސޭސި ދިފާޢިވުޒާރާއިން ބުނެފައިވެ އެވެ.
އައްރިއްގާ އަކީ އައިއެސް އިން އެޖަމާއަތުގެ ވެރިރަށް ކަމުގައި ހަދަންއުޅޭ ރަށެވެ. މިއީ ސޫރިޔާގެ އުތުރުގައިވާ ރަށެކެވެ. ޕެރިހަށް ޙަމަލާތަކުގެ ކުރިންވެސް އިރާގާއި ސޫރިޔާގައިވާ އައިއެސްގެ މަރުކަޒުތަކަށް ފަރަންސޭސިވިލާތުން ވައިގެ ހަމަލާތައް ދެމުން ގެންގޮސްފައިވެ އެވެ. ނަމަވެސް ފަރަންސޭސީންގެ ޙަމަލާތައް މީގެކުރިން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އިރާގުގައި ހުންނަ އައިއެސްގެ މަރުކަޒުތަކަށެވެ. ފާއިތުވި ދޮޅުއަހަރު ތެރޭގައި ފަރަންސޭސިވިލާތުން އިރާގުގައިވާ އައިއެސްގެ މަރުކަޒުތަކަށް 1300 ހަމަލާ ދިފައިވާއިރު ސޫރިޔާގައިވާ އެޖަމާއަތުގެ މަރުކަޒުތަކަށް ދީފައިވަނީ އެންމެ ހަތަރު ޙަމަލާއެވެ. ފަރަންސޭސި ދިފާއީ ވުޒާރާ ބުނާގޮތުން ޕެރިހުގެ ޙަމަލާތަކަށްފަހު އައިއެސްއާ ދެކޮޅަށް މިހާރު ފަށާފައިވާ ބަދަލުހިފުމުގެ ޙަމަލާތައް ބޮޑަށް އަމާޒުކުރުމަށް ހަމަޖެހިފައިވަނީ ސޫރިޔާގައިވާ އައިއެސްގެ މަރުކަޒުތަކަށެވެ.
އައިއެސްގެ ހަނގުރާމަވެރިން ފަރަންސޭސިވިލާތަށް ވަދެ އެގައުމުގެ ވެރިރަށް ޕެރިހުގެ އެންމެ ފުނަށް ހަމަލާތައްދީ 130 މީހުން މަރާލައި 300 އެއްހާ މީހުން ޒަޚަމްކޮށްލާފައިމިވަނީ އައިއެސް ބަލިކުރުމުގެ ސްޓްރެޓެޖީގެ ދަށުން އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ އަދިވެސް އެތަށްގައުމެއް ގުޅިގެން އެޖަމާއަތަށް ހަމަލާތައް ދެމުންގެންދާ ދޮޅު އަހަރު ވެފައިވަނިކޮށެވެ. އައިއެސްއާ ދެކޮޅަށް ބޮޑެތި ގައުމުތައް ގުޅިގެން ވަރުގަދަ ހަނގުރާމަ ކުރަމުން ގެންދަނިކޮށް އައިއެސް ބާރުގަދަވެ އެޖަމާއަތުގެ ހަމަލާތައް އިތުރަށް ފުޅާވެގެންދިޔުމަކީ އެޖަމާއަތް ބަލިކުރުމުގެ ނަމުގައި ހުޅަނގުން ގެންގުޅޭ ސްޓްރެޓެޖީ ފޭލްވެފައިވާ ކަންދޭހަކޮށްދޭ ކަމެކެވެ. އަދި ޕެރިސްގެ ހަމަލާތަކަށް ފަހު އައިއެސްގެ އަމާޒުތަކަށް ފަރަންސޭސިވިލާތުން ދޭން ފަށާފައިވާ ބަދަލުހިފުމުގެ މިހަމަލާތަކުންވެސް އައިއެސް ބަލިކޮށްލެވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. (ނޫސްއެޖެންސީތައް)