16 Nov 2015, 09:13
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 27.457 ބިލިއަން ރުފިޔާގެ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބަހުސް ކުރިއަށް ގެންދިއުމަށް މިއަދު ހަވީރު 6 ޖަހަންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފި އެވެ.
މިއަދު ހައެއް ޖަހަންދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިއިރު ތަޅުމުގައި ތިއްބެވި 28 މެމްބަރުންގެ އިއްތިފާގުންނެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ހުށަހެޅި އެ ހުށަހެޅުން ފާސްވުމުން ރިޔާސަތުން އިއުލާން ކުރެއްވީ ބަޖެޓް ބަހުސްގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް ވެސް ވާހަކަފުޅު ދެއްކެވުމަށް 15 މިނިޓްގެ ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށަހެޅުމުން، ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ހަތް މިނިޓްގެ ފުރުސަތެއް ދެއްވާނެ ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.
އަންނަ އަހަރުގެ ބަޖެޓުން ރިކަރަންޓް ހަރަދަކީ 16.2 ބިލިއަން ރުފިޔާ އެވެ. ބަޖެޓްގެ 41 ޕަސެންޓަކީ ކެޕިޓަލް ހަރަދެވެ.
އަންނަ އަހަރުގެ ބަޖެޓުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 16.8 ބިލިއަން ރުފިޔާއި ޓެކްސް ނޫން ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 3.7 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 1.5 ބިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށައަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރެވޭ ހަތަރު ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.