ހުޅުމާލޭ ކައިރިން ކަންނެލި ދޯންޏަކާއި މުދާ އުފުލާ ދޯންޏެއްޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 08:10 އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި މުދާއުފުލާ ދޯނީގައި ހުރި މީހަކަށް އަނިޔާވެފައިވާއިރު އޭނާ ހުޅުމާލެއަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭނާގެ ބޯ ފަޅައިގެންދިއުން ފިޔަވައި އެހެން ގެއްލުމެއް ލިބިފައެއްނުވެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ދެ ދޯންޏަށް ވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ.

"ލިބުނު ގެއްލުންތަކުގެ ސަބަބުން މުދާއުފުލާދޯނި ދިޔަވެ އަޑިއަށްދާތީ މިހާރުވަނީ ހުޅުމާލެ ކަނޑިންމަ ކައިރިން ނެރުމައްޗަށް ބީއްސާލާފައި. ކަންނެލި ދޯނި ވަނީ ހުޅުމާލެ ފަޅުތެރެއަށް ވައްދާފައި." ފުލުހުން ބުންޏެވެ.

މިއަދު ހެނދުނު ވަނީ ހުޅުމާލޭ ފެރީއަކާއި ހުޅުލޭ އައިލެންޑް ހޮޓެލް(އެޗްއައިއެޗް)ގެ ފެރީއެއް ޖެހިވެސް އެކްސިޑެންޓެއް ހިނގައިފަ އެވެ. އެ އެކްސިޑެންޓްގައި އެމްޓީސީސީގެ ފެރީއަށް ވަނީ ގެއްލުންތަކެއްވެފަ އެވެ.