ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުންދިޔަ ފެރީއަކާއި ހުޅުލޭ އައިލެންޑް ހޮޓެލް(އެޗްއައިއެޗް)ގެ ސުޓާފް ފެރީ ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

އެއެކްސިޑެންޓްގައި މީހަކަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.

އެމްޓީސީސީގެ ހުޅުމާލެ ސީނިއާ މެނޭޖަރު މުހައްމަދު ނާޒިމް މިއަދު ސަން އަށް ވިދާޅުވީ މިއަދު ހެނދުނު 6:00 ޖަހާކަންހާއިރު ފުނަދޫކައިރިން ހިނގި އެއެކްސިޑެންޓްގައި އެމްޓީސީސީގެ ފެރީއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ދޯނީގެ ފަހަތުކޮޅުން އަރިމަތީގައި މިއިންނަނީ ޖެހިފައި، ކުޑަ ދޮރެއް އިނީގޮސްފަ،" ނާޒިމް ވިދާޅުވިއެވެ.

މިއަދުގެ އެކްްސިޑެންޓްގައި ފެރީގެ ކުޑަދޮރަށް ގެއްލުންވެފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

އެއެކްސިޑެންޓްވި މައްސަލަ ތަހުގީގް ކުރަމުންދާތީ އެއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އޭނާ ހާމައެއްނުކުރެއެވެ.

ނާޒިމް ވިދާޅުވީ ގެއްލުން ލިބުނު އެމްޓީސީސީގެ ފެރީ މަރާމާތައްފަހު މިއަދު އަލުން ދަތުރުތަކުގައި ބޭނުން ކުރެވޭނެ ކަމަށެވެ.