ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ 2013 ވަނަ އަހަރު ބެޗުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ޒައިން ޒަރީރު ހޮވިއްޖެ އެވެ.

ސީއެޗްއެސްއީގައި 2013 އިން 2015 އަށް އޭލެވެލް ތައުލީމު ހާސިލްކުރި ދަރިވަރުންގެ ތެރޭން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޒައިން ހޮވިފައިވާއިރު އޭނާ ވަނީ، އެ ސްކޫލުގެ އެންމެ މޮޅު ނަތީޖާ ލިބުނު ދަރިވަރުންގެ ތެރޭގައި ވެސް ހިމެނިފައެވެ.

ޒައިން ވަނީ ބަޔޮލޮޖީ އާއި ކެމިސްޓްރީން، ޓޮޕް އެޗީވާސް އެވޯޑް ހޯދައިފައެވެ. އޭނާ އަކީ 2014 އިން 2015 ސްކޫލުގެ ގޭމްސް ކެޕްޓަންގެ މަގާމުގައި ހުރި ދަރިވަރެކެވެ.

ޒައިން ވަނީ އެޑެކްސެލް އިމްތިހާނުގައި ސީއެޗްއެސްއީގެ މޮޅު ދަރިވަރުންގެ ތެރެއިން އެއްވަނަ ހޯދާފައެވެ. އެ އިމްތިހާނުގައި އޭނާ ވަނީ 97.56 ޕޮއިންޓްގެ އެވަރެޖެއް ހޯދާފައެވެ.

މިއަހަރުގެ އެޑެކްސެލް އަދި އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވެގެން ރާއްޖެއިން 25 ދަރިވަރަކު ވަނީ އެއްވަނައަށް ހޮވިފައެވެ.

ތިން ސްޓްރީމަކަށް ކިޔަވައިދޭ އެ ސްކޫލަށް މިއަހަރު 555 ދަރިވަރުން ވައްދާފައިވެއެވެ. ސްކޫލުގެ މިއަހަރު ގްރޭޑް 12ގައި ހިމެނޭ ބެޗުގައި 565 ދަރިވަރުން ކިޔަވަމުންދެއެވެ.

މިއަހަރު މެއި/ ޖޫން އިމްތިހާނުތަކުގައި ސީއެޗްއެސްއީ އިން 531 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެގޮތުން އެ ސްކޫލްގެ ދަރިވަރުން ބައިވެރިވި އިމްތިހާންތަކުގެ ތެރެއިން އެޗްއެސްސީގެ ދިވެހި މާއްދާއިން 89 ޕަސެންޓު ދަރިވަރުން ވަނީ ފާސްވެފައެވެ. އަދި އިސްލާމް އިމްތިހާންގައި ބައިވެރިވި 91 ޕަސެންޓު ދަރިވަރުން ވަނީ ފާސްވެފައެވެ.

ޖީސީއޭލެވެލްގެ މާއްދާތަކުގެ ތެރެއިން ހިސްޓްރީ އިން 100 ޕަސެންޓު ދަރިވަރުން ފާސްވެފައިވާއިރު އެކައުންޓުން 99 ޕަސެންޓު ދަރިވަރުން ވަނީ ފާސްވެފައެވެ. ހިސާބުގެ ސްޓެޓިސްޓިކްސްއިން ވެސް ސީއެޗްއެސްއީ ވަނީ މިއަހަރު 100 ޕަސެންޓު ފާހެއް ހޯދާފައެވެ.

އެޑެކްސެލްގެ ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނޭ ސީއެޗްއެސްއީގެ ފަސް ދަރިވަރަކު ވަނީ އެކައުންޓުން ފުރިހަމަ 100 ޕަސެންޓު ހޯދައި އެ އިމްތިހާނުން އެއްވަނަ ހޯދާފައެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ސީއެޗްއެސްއީ އިން އެކި ގޮތްގޮތުން ވަނަވަނައަށް އައި ފަރާތްތަކަށް ވަނީ އިނާމުދީފައެވެ. އެގޮތުން ތައުލީމީ ގޮތުން މޮޅެތި ދަރިވަރުންނާއި އެކިކަހަލަ މުބާރާތްތަކުގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ.

މިރޭގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސާ އައިމިނަތު އީނާސް ވިދާޅުވީ، ސަރުކާރުން އަންނަނީ މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ ފަރާތްތަކަށް ދުނިޔޭގެ އެކި ޔުނިވާސިޓީ އާއި ކޮލެޖުތަކުން ފުރުސަތު ހޯދައިދެމުން ކަމަށެވެ.

މަތީ ސާނަވީ ފެންވަރަށް ކިޔަވައި ނިމުމުން އެއީ ތައުލީމާއި ހަޔާތުގެ ފެށުން ކަމަށް އީނާސް ވިދާޅުވިއެވެ.

"މަތީ ސާނަވީ އަށް ފަހު ތައުލީމު ހާސިލް ކުރުން ނިމުނީއެއް ނޫން. އެހެން ނަމަވެސް އަދި ފެށުނީ. އެއާއެކު ތައުލީމު ހާސިލުކޮށް ނިމުމާއެކު ދަރިވަރުން އަމިއްލަ ފައި މައްޗަށް ތެދުވުމަށް މަސައްކަތް ކުރަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.