04 Apr 2011, 16:31
އައްޑު އަތޮޅުގައި މިހާރު އޮތް ސިޓީ ކައުންސިލަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކައުންސިލެއްކަމަށް ބުނެ އައްޑު އަތޮޅުގައި ސިޓީ ކައުންސިލެއް އޮންނަން ޖެހޭނެ ކަމަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލް ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެއްސެވުމުން ބިލް ބަލައިގަތީ، އެވަގުތު ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 39 މެންބަރުން ބިލަށް ތާއީދު ކުރައްވައި ވޯޓު ދެއްވައިގެންނެވެ. ނަމަވެސް ބިލަށް ތާއީދު ނުކުރައްވާ ކަމަށް 29 މެންބަރުން ވޯޓު ދެއްވި އެވެ.
އެ ބިލަށް ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ބިލަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އެ ބިލަކީ އައްޑޫ ސިޓީ ކައުންސިލްގެ އެއްވެސް ގޮނޑިއެއް ޑީއާރުޕީއަށް ލިބިފައިނުވާތީ، އަލުން އިންތިހާބު ބާއްވައިގެން ކައުންސިލްގެ ގޮނޑިއެއް ޑީއާރުޕީ އަށް ލިބޭތޯ އެޕާޓީން މަޖިލީހަށް ހުށަހެޅި އިސްލާހެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އައްޑޫ ރައްޔިތުން މިހާރު ވަނީ އައްޑޫގައި ސިޓީކައުންސިލެއް އުފައްދާފައި ކަމަށާއި އެއްވެސް ފަރާތަކަށް އެކަން ދެން ބަދަލު ނުކުރެވޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
"މިހާރު އައްޑޫގައި އޮތް ސިޓީގެ ގާނޫނީ ހައިސިއްޔަތާ ބެހޭ ގޮތުން ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއްނެތް. އައްޑޫގައި ސިޓީ ކައުންސިލް ބޭއްވިޔަ ނުދިނުމަށް، ޑީއާރުޕީން ކުރި ހުރިހާ މަސައްކަތެއް ސުޕްރީމް ކޯޓުގެ ހުކުމަކުން ވަނީ ބާތިލްކޮށްފައި. ދިމާވެގެން މިއުޅެނީ އެންމެ މައްސަލައެއް. މިއުޅެނީ އައްޑޫ ރައްޔިތުންގެ މެޖޯރިޓީގެ ވިސްނުން ޑީއާރުޕީއާ ދެކޮޅަށް ހުރިކަމުގެ މައްސަލަ. އިންތިހާބުން ނުހޮވުނީމާ އެވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. އައްޑޫ ސިޓީއަކަށް ބަދަލުކުރީ އެހިސާބަށް ގޮއްސަ އޮތީމާ. ދެން އެކަން ބަދަލެއް ނުކުރެވޭނެ. ރައްޔިތުންގެ ތާއީދާ އަޣްލަބިއްޔަތު ލިބިގެން އެކަން ކުރީ. އެކަން އެނޫން ގޮތަކަށް އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެ" އެމްޑީޕީގެ މެންބަރު ފޭދޫ ދާއިރާގެ އަލްހާން ފަހުމީ ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ އިލިޔާސް ލަބީބު ވެސް ވިދާޅުވީ، އެ އިސްލާހުގައިވާ ގޮތުން އައްޑޫގައި ޖެހެނީ އަލުން އިންތިހާބު ބާއްވަން ކަމަށާއި، އެކަމަކީ ޑީއާރުޕީގެ މެންބަރަކަށް ކައުންސިލުން ފުރުސަތު ލިބޭތޯ ބެލުމަށް ކުރާކަމެއް ކަމަށެވެ. ނަމަވެސް އިދިކޮޅު ޑީއާރުޕީގެ މެންބަރުން ވިދާޅުވީ، ސަރުކާރުން އައްޑޫގައި ސިޓީ ކައުންސިލް އުފައްދާފައި ވަނީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނޯންނަ ގޮތަށް، ބޭނުންވާ ކޮންމެ ވަގުތަކު ކައުންސިލް އުވާލެވޭ ގޮތަށް ކަމަށެވެ. އަދި ޑީއާރުޕީން ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނީ ގޮތުން އައްޑޫގައި ސިޓީ ކައުންސިލެއް ގާއިމްކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށްވެސް އެ މެންބަރުން ވިދާޅުވި އެވެ.
އެ އިސްލާހަށް ފާޑުވިދާޅުވި މެންބަރުންނަށް ރައްދު ދެއްވަމުން އިސްލާހް ހުށަހެޅުއްވި، ހިތަދޫ ދެކުނު ދާއިރާގެ ހަސަން ލަތީފް ވިދާޅުވީ، އެ އިސްލާހަކީ އައްޑޫ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އަދި ޝަރުއީ ދާއިރާތަކުން ވެސް އެކަން ބަދަލު ނުކުރެވޭނެ ކަމަށް އެ މެންބަރުން ވިދާޅުވެފައި ވާތީ އެކަން ކުށްވެރިކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޝަރުއީ ކޯޓުތަކަށް ވެސް އެކަން ބަދަލު ނުކުރެވޭނެ ކަމަށް ދައްކާ ވާހަކަ އަޅުގަނޑު ކުށްވެރިކުރަން. މި އިސްލާހަކީ މިހާރު އޮތް ސިޓީ ކައުންސިލް ބާތިލްވެއްޖެއްޔާ އެކަންތައްތަކަށް މަގުފަހިކޮށްދިނުމަށް ހުށަހެޅި އިސްލާހެއް. ކައުންސިލްގައި އެންމެ ހަ މީހުން ތިބިތިބުން ބަދަލުކޮށް 52 މީހުންނަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްތަކެއް މި ކުރަނީ." ހަސަން ލަތީފު ވިދާޅުވި އެވެ.
ފަރެސް މާތޮޑާ ސާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލް އޮތީ ގާނޫނާ ހިލާފަށް ކަމަށެވެ.
"އެތަނުގައި ނަގާފައިވާ ވޯޓުގައި ވެސް އިލެކްޝަނުން އުސޫލުތަކެއް ކަނޑަނާޅައި އޮތުމުގެ ސަބަބުން ނަތީޖާ އެގޮތަށް އައީ. ގާނޫނުގައި އެ ރަށެއްގެ ނުވަތަ އެ ސަރަހައްދުގެ ރައްޔިތުންގެ އަޣުލަބިއްޔަތޭ ބުނެފައި އޮއްވައި ވޯޓުލި ދިހަ ނުވަތަ ވިހި ޕަސެންޓަކީ އަޣުލަބިއްޔަތުކަމަށް ބަލައިގެން އިލެކްޝަނުން ނަތީޖާ އިއްލާންކޮށް ސަރުކާރުން އެގޮތަށް އަމަލު ކުރުމުގެ ނަތީޖާ މި ފެންނަނީ. ގާނޫނު ހަލާކުކޮށްލައި ކައުންސިލްތައް ހިންގުމަށް ސަރުކާރުން ހުރަސް އަޅަމުން ދަނީ." މުއްތަލިބު ވިދާޅުވި އެވެ.