16 Nov 2015, 00:33
ސްރީ ލަންކާގައި ދިވެހީން ދިރިއުޅޭ ބައެއް ގެތައް ބަލައިފާސްކުރާން ނިންމާފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ، އެގައުމުގެ ނޫހެއް ކަމަށްވާ 'ސަންޑޭޓައިމްސް'ގައި ބުނެފައި ވަނީ، ލަންކާގައި ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ސަރަހައްދުތައް ކަމަށްވާ، ނެދިމަލަ، ކޮހުވެލަ، ދެހިވަލަ އަދި ކަޑުވެލާ ފަދަ ސަރަހައްދުތަކުގައި ދިވެހީން ދިރިއުޅޭ ގެތައް ޗެކްކުރުމަށް ފުލުހުން ނިންމާފައިވާ ކަމަށެވެ.
"އޭގެ ތެރޭން ގިނަ މީހުންނަކީ ވަޒީފާ އަދާކުރާ ބައެއް ނޫން. އެކަމަކު ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ. އެހެންކަމުން އަހަރެމެން ބަލަން ބޭނުން އެ ފަދަ މީހުން ޑްރަގް އަދި ސްމަގުލް ކުރުމާ ގުޅުމެއް ވޭތޯ،" ކޮލަމްބޯގެ ދެކުނުގައި އޮންނަ ޕިލިއަންދަލަ ސިޓީގެ ޕޮލިސް ސްޓޭޝަންގެ ޗީފް އިންޕެކްޓަރ ސޮމަރަތްނާ ވިޖެމުނީ ވިދާޅުވިއެވެ.
ލަންކާ ފުލުހުން، އެގައުމުގައި ދިވެހީން ދިރިއުޅޭ ބައެއް ގެތައް ބަލައިފާސްކުރަން ނިންމާފައި މިވަނީ، މި ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު، ޕިލިއަންދަލާގެ ތަމްބޯވިލާ ބްރިޖް ކައިރީގައިވާ ދަނޑެއްގެ ތެރެއަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވައި ފެނުނު ހ. ހަންޑްރެޑްފްލާވަރ، އުމުރުން 28 އަހަރުގެ ހުސައިން ރަޒީން (ރަބަރޭ) މަރާލާފައި ވަނީ، ދިވެހި ވިޔަފާރިވެރިއަކު ރަޒީންގެ ގާތިލުންނަށް ފައިސާގެ ބޮޑު އަދަދެއް ހުށަހަޅައިގެންކަން ތަހުގީގަށް ހާމަވިކަން އިއުލާނުކުރި ފަހުންނެވެ.
ލަންކާ ފުލުހުން ބުނެފައި ވަނީ، ރަޒީންގެ މަރާގުޅިގެން ހައްޔަރުކޮށްފައިވާ އޭނާގެ ގާތް ރަހްމަތްތެރިއެއް ކަމަށްވާ ބިލާލް ނަމަކަށް ކިޔާ ދިވެއްސެއްގެ ފަރާތުން އެނގު ގޮތުގައި، ރަޒީން މަރާލުމަށް ދިވެހި ވިޔަފާރިވެރިއަކު އޭނާއަށް 14 މިލިއަން ރުޕީސް ހުށަހަޅައިފައި ވެއެވެ.
"އެމީހުން [ރަޒީން އަށް ހަމަލާދިން މީހުން] ވަނީ، ރަޒީން މަރަށް ތެޅިތެޅިއޮއްވައި ފޯނުން އޭނާގެ ފޮޓޯއެއް ނެގުމަށްފަހު އެ ވިޔަފާރިވެރިއާއަށް މެސެޖްކޮށްފައި. އެގޮތުން ވިޔަފާރިވެރިޔާ ވަނީ، 500,000 ރުޕީސް ޓްރާންސްފާ ކުރުމަށް ފަހު، ބާކީ ފައިސާ މަސް ނިމުމުން ފޮނުވާނޭ ކަމަށް ވައުދުވެފައި،"ރަޒީންގެ މަރުގެ މައްސަލަ ތަހުގީގުކުރާ ލަންކާގެ ފުލުހުންގެ ސަބް އިންސްޕެކްޓަރު ދުމިންދާ ކުމަރައާ ހަވާލާދީ ސަންޑޭޓައިމްސްގައި ވެއެވެ.