15 Nov 2015, 23:44
ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ރާއްޖޭގައި ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ސްނައިޕަރު ދޫކޮށްލުމަށް ރާއްޖޭގެ ސަރުކާރުގައި އެދޭނެ ކަމަށް ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ލަންކާގެ ނޫހެއް ކަމަށްވާ ސަންޑޭ ޓައިމްސްގައި ބުނެފައިވަނީ، ރައީސް ސިރިސޭނާ އެގޮތަށް ވިދާޅުވީ މިދިޔަ ބުދަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ކަމަށެވެ.
އެ ނޫހުގައި ބުނެފައިވަނީ، ރާއްޖެއިން ހައްޔަރުކުރި ލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަޑުޝަންކާ، 24 އަކީ އޭނާގެ އާއިލާއިން ރާއްޖޭގައި ކުރާ މަހުގެ ވިޔަފާރިއެއްގައި ވަރަށް ގިނައިން ރާއްޖެ ގޮސް ހަދާ މީހެއް ކަމަށް އޭނާގެ އާއިލާގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓްރީއަށާއި އިތުރު މިނިސްޓްރީ ތަކަކަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މަލާބޭގައި ދިރިއުޅޭ މަޑުޝަންކާގެ ބައްޕައަކީ "އުމްބަލަކަޑަ މުޑަލަލީ" ނުވަތަ "ރާއްޖޭގެ މަހުގެ ވިޔަފާރިވެރިޔާ"ގެ ނަމުން މަޝްހޫރު މީހެއް ކަމަށް ވެސް ސަންޑޭ ޓައިމްސްގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ގާނޫނާ ހިލާފު ކަންތައްތަކެއް ރާއްޖޭގައި ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިމަހުގެ ކުރީކޮޅު ހައްޔަރުކުރި ލަންކާ މީހާގެ މައުލޫމާތު ދިވެހި ސަރުކާރުން ވަނީ ލަންކާ ސަރުކާރާ ވެސް ހިއްސާކޮށްފައެވެ. އަދި ރާއްޖޭގެ ބައެއް މީޑިއާތަކުން އޭނާއަކީ ލަންކާގެ އަސްކަރިއްޔާގައި ހިދުމަތްކޮށްފައިވާ މީހެއް ކަމަށް ބުނެފައިވާތީ އެކަން ވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފައެވެ.