ހ. ހަންޑްރެޑްފްލާވަރ، އުމުރުން 28 އަހަރުގެ ހުސައިން ރަޒީން (ރަބަރޭ) މަރާލާފައި ވަނީ ދިވެހި ވިޔަފާރިވެރިއަކު ބުނެގެން ކަމަށް އެ މައްސަލަ ތަހުގީގު ކުރަމުންދާ ލަންކާގެ ފުލުހުން ބުނެފި އެވެ.

ލަންކާ ފުލުހުންނާ ހަވާލާދީ، އެގައުމުގެ އޮންލައިން ނޫހެއް ކަމަށްވާ 'ސަންޑޭޓައިމްސް'ގައި ބުނެފައި ވަނީ، މި މަހުގެ ފަސްވަނަ ދުވަހު ޕިލިއަންދަލާގެ ތަމްބޯވިލާ ބްރިޖް ކައިރީގައިވާ ދަނޑެއްގެ ތެރެއަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވައި ފެނުނު ހުސައިން ރަޒީންގެ މަރާގުޅިގެން ހައްޔަރުކޮށްފައިވާ އޭނާގެ ގާތް ރަހްމަތްތެރިއެއް ކަމަށްވާ ބިލާލް ނަމަކަށް ކިޔާ ދިވެއްސެއްގެ ފަރާތުން އެނގު ގޮތުގައި، ރަޒީން މަރާލުމަށް ދިވެހި ވިޔަފާރިވެރިއަކު އޭނާއަށް 14 މިލިއަން ރުޕީސް ވަނީ ހުށަހަޅާފައި ކަމަށެވެ.

ރަޒީން މަރާލުމުގެ ކުރިން އޭނާ ދަތުރުކުރި ކުލީ ވޭނަކާއި، އަދި އޭނާއަށްހަމަލާދިން ވަގުތު ބިލާލު ލައިގެން ހުރި ހެދުމާއި އެނޫންވެސް ތަހުގީގަށް ބޭނުންވާ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށް ލަންކާ ފުލުހުން ބުންޏެވެ.

ލަންކާ ފުލުހުން ބުނެފައި ވަނީ، ރަޒީންގެ މަރާގުޅިގެން ހައްޔަރުކުރި ބިލާލުއާ އިތުރަށް ސުވާލުކުރުމުން އެނގުނު ގޮތުގައި، އެ ވިޔަފާރިވެރިޔާ (ކާކުކަން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވޭ) ރަޒީން މަރާލަން ބޭނުންވީ، ރަޒީން އެވިޔަފާރިވެރިޔާގެ ކޮއްކޮ އަކު މަރާލާފައި ވާތީއެވެ. އަދި ރަޒީން މަރާލަން އެންމެ ފުރަތަމަ މަސައްކަތްކުރީ ވިޔަފާރިވެރިޔާ އަމިއްލައަށް ކަމަށާއި އެކަން ކާމިޔާބު ނުވުމުން ފައިސާދީގެން އެކަންކުރާން އޭނާ ނިންމީ ކަމަށެވެ.

"ހަމަ އެރޭ [ރަޒީން މަރާލި ދުވަހުގެ ރޭ] އެ ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް އަހަރެމެން ޗެކްކުރިއިރު، އެ ސަރަހައްދުން ޝައްކުކުރެވޭ ގޮތަކަށް ދުއްވި ވޭނެއް ފެނުނު. އެހެން ނަމަވެސް ފޫޓޭޖުން ވޭންގެ ނަންބަރު އެނގޭގޮތެއް ނުވި،" ރަބަރޭގެ މަރުގެ މައްސަލަ ތަހުގީގުކުރާ ލަންކާގެ ފުލުހުންގެ ސަބް އިންސްޕެކްޓަރު ދުމިންދާ ކުމަރައާ ހަވާލާދީ ސަންޑޭޓައިމްސްގައި ވެއެވެ.

"ޖެހިގެން އައިދުވަހު، ރަޒީންގެ އާއިލާގެ މެންބަރުން އައިސް މަރުވެފައިވާ ޒުވާނާއަކީ އޭނާގެ ހަށިގަނޑުކަން ޔަގީންކޮށްދިން. ދެން ފޫޓޭޖުން ފެންނަ ވޭނާ ގުޅޭ ގޮތުން އަހަރެމެން އާއިލާމީހުންނާ ސުވާލުކުރިން."

ރަޒީންގެ އާއިލާގެ މީހުންގެ ފަރާތުން އެ ވޭނަކީ، ޓޫރިޒަމް މަސައްކަތްކުރާ ބިލާލު ނަމަކަށް ކިޔާ ރަޒީންގެ ގާތް ރަހްމަތްތެރިއެއްގެ ވޭނެއްކަން އެނގުނު ކަމަށާއި، އަދި ރަޒީން މާރާލާފައި އޮތް ސަރަހައްދުން ފެނުނު އޭނާގެ އަތުކުރި ގަޑިއާއި، އަދި ރަޒީންގެ މޯބައިލް ފޯނުން އޭނާގެ މަރުގެ ތަހުގީގަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ރަޒީންގެ ފޯނަށް އެންމެ ފަހުން ގުޅާފައި ހުރީ ވެރިފަރާތް ނޭނގޭ ނަންބަރަކުން ކަމަށާއި އަދި އޭގެ ކުރިން އެނަންބަރަށް ގުޅާފައި ހުރި ބިލާލުގެ ނަންބަރުން ކަމަށް ވެސް ސަބް އިންސްޕެކްޓަރު ކުމަރަ ވިދާޅުވިއެވެ.

"ބިލާލުއާ ސުވާލުކުރުމުން، ރަޒީން މަރާލުމަށް ބޭނުންކުރި ވަޅި، އޭނާގެ ކާފަ ދިރިއުޅޭ ގެއިން ވަނީ ހޯދިފައި. މީގެ އިތުރުން ބިލާލަށް އެހީތެރިވެދިން ވޭން ޑްރައިވަރު ވަނީ ހައްޔަރުކުރެވިފައި،" ސަބް އިންސްޕެކްޓަރު ކުމަރަ ވިދާޅުވި އެވެ.

ވޭން ތެރޭގައި ބިލާލު ރަޒީން މަރާލުމަށްޓަކައި އޭނާގެ ގަޔަށް އަށްވަރަކަށް ފަހަރު ވަޅިން ހަމަލާދިން ކަމަށާއި، އަދި މަރާލުމަށްފަހު ވޭން ޑްރައިވަރުގެ އެހީގައި އޭނާ ސީޓްދަށަށް ލީކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

"އެމީހުން ވަނީ، ރަޒީން މަރަށް ތެޅިތެޅިއޮއްވައި ފޯނުން އޭނާގެ ފޮޓޯއެއް ނެގުމަށްފަހު އެ ވިޔަފާރިވެރިއާއަށް މެސެޖްކޮށްފައި. އެގޮތުން ވިޔަފާރިވެރިޔާ ވަނީ، 500,000 ރުޕީސް ޓްރާންސްފާ ކުރުމަށް ފަހު، ބާކީ ފައިސާ މަސް ނިމުމުން ފޮނުވާނޭ ކަމަށް ވައުދުވެފައި،" ސަބް އިންސްޕެކްޓަރު ކުމަރަ ވިދާޅުވިއެވެ.

ހ. ހަންޑްރެޑް ފްލާވާސް ހުސެއިން ރަޒީން (ރަބަރޭ) އަކީ، ހ. ކުބްރާ އަލީ އިޝާރު މަރާލުމުގެ ތުހުމަތުގައި ތަހުގީގަށް ފުލުހުން ހޯދަމުންދިޔަ މީހެކެވެ. އަދި އޭރު ފުލުހުން އޭނާ ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވިއެވެ.