ދިރާގުން އިންތިޒާމުކޮށްގެން ޖެހިޖެހިގެން ތިން އަހަރު ބާއްވާފައިވާ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކުޅިވަރު ފެސްޓިވަލް މާދަމާ ބާއްވަން އެ ކުންފުނިން ހަމަޖައްސައިފި އެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ އެ ހަރަކާތް އޮންނާނީ މާދަމާ ހަވީރު 3:40 އިން ފެށިގެން 6:00 އަށް ހެންވޭރު ފުޓްބޯޅަ ދަނޑުގަ އެވެ.

މާދަމާ ބާއްވާ ހަރަކާތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓަމުން އަންނަ އަދި އެ ކުދިންނަށް ކިޔަވައިދޭ އެކި ފަރާތްތަކުން ބައިވެރިވާނެ އެވެ. އޭގެތެރޭގައި އެކިއެކި ސްކޫލްތަކާއި އަމިއްލަ ޖަމިއްޔާތައް ހިމެނޭގޮތުން 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާނެ އެވެ.

ދިރާގު ހެޑޮއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ބިޝާރާ ނައީމް ވިދާޅުވީ، ކުޑަކުދިންނަށް އެހީވުމާއި ކުޑަކުދިން ހިމާޔަތްކުރުމަކީ ދިރާގުގެ އިޖުތިމާއީ ހަރަކާތްތަކުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދީގެން ބާއްވަމުން އަންނަ ހަރަކާތެއް ކަމަށެވެ.

ދިރާގުން އަންނަނީ ކުޑަކުދިން ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި، ރާއްޖޭގައި ބާއްވަމުން އަންނަ މޯލްޑިވްސް ރޯޑްރޭސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދަމުންނެވެ. އަދި ކުޑަކުދިން ބަލަހައްޓާ ތަންތަނަށް އެކި ގޮތްގޮތުން ގިނަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.