ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޏ. ފުވައްމުލަކު ދޫޑިގަމު އަވަށުގެ ކައުންސިލަރަކު ހައްޔަރުކޮށްފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ދޫޑިގަމު ކައުންސިލަރު ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު 1:45 ކަންހާއިރު ރެސްޓޯރެއްޓެއްގައި ހުއްޓައެވެ.

ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ފުވައްމުލަކުން 28 އަހަރުގެ ފިރިހެނަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން،" ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަންއަށް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން ދާ ކަމަށެވެ.