ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެންމެ ކަމުދާ ކޯޗަކީ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން އެންމެ 18 އަހަރުގައި 12.2 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ރޮނާލްޑޯ ސޮއިކުރުވީ ފާގަސަން އެވެ. 2003 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ފަހުން އެ ޓީމްގައި ރޮނާލްޑޯ ހޭދަކުރި ހަ ސީޒަނުގެ ތެރޭގައި ވަނީ ތިން ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ތައްޓެއް ހޯދާފައެވެ.

އައިޓީވީއަށް ދިން އިންޓަވިއުއެއްގައި ޕޯޗްގަލްގެ ތަރި ރޮނާލްޑޯ ބުނީ އޭނާއަށް މިހާރު ހުރި ހިސާބަށް އާދެވުނީ ފާގަސަންގެ ސަބަބުން ކަމަށާއި އޭނާ ކޮށްދިން ހުރިހާ މަސައްކަތްތަކަކަށް އިންތިހާއަށް ޝުކުރުވެރިވާ ކަމަށެވެ.

"ޗެމްޕިއަންސް ލީގުގައި އަހަރެމެން ކުރިމަތިލާން ޖެހުނު މުހިންމު ގޭމަކާ އެކަމަކު އަހަރެން ކޯޗު ކައިރީ ބުނިން ބައްޕަ ކައިރިއަށް ދާން ޖެހިއްޖެ އޭ. އޭރު އަހަންނަކީ ގަވާއިދުން ހުރިހާ މެޗްތަކަކަށް އަރުވާ ކުޅުންތެރިއެއް، އަދި އަހަރެންނަކީ މުހިންމު ކުޅުންތެރިއެއް. އެކަމަކު ކޯޗު ބުނި، 'ރޮނާލްޑޯގެ އަމިއްލަ ދިރިއުޅުމާއި އާއިލާ އަކީ ރޮނާލްޑޯގެ ދިރިއުޅުމުގައި އެންމެ މުހިންމު ކަންތައް. ދާން ބޭނުންނަމަ ތިން ދުވަސް، ހަތަރު ދުވަސް ނުވަތަ ފަސް ދުވަހަށް ދާންވީ'،" ރޮނާލްޑޯ ބުންޏެވެ.

"އެ ވަގުތުކޮޅަކީ އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެ ވަގުތުކޮޅެއް އަދި އެއީ ކަންނޭގެ އަހަރެންގެ ހަޔާތުގެ އެންމެ މުހިންމު ވަގުތުކޮޅަކީވެސް، އަދި ކޯޗު އަހަންނަށް ކިޔާދިން. އެހެންވެ އަހަރެން އޭނާއަށް އެހާ އިހްތިރާމްކުރަނީ އަދި އެއީ އަހަންނަށް ލިބުނު އެންމެ ރަނގަޅު ކޯޗު،" ރޮނާލްޑޯ ބުންޏެވެ.