ބާސްކެޓްބޯލް އެސޯސިއޭޝަންގެ މިއަހަރުގެ ކަލަންޑަރުގައިވާ ހުރިހާ މުބާރާތެއް ނިންމުމަށް ފަހު ގައުމީ ޓީމަށް ނެގި ކުޅުންތެރިންގެ މެދުގައި މުބާރާތެއް ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިން ހަތަރު ޓީމަކަށް ބަހާލައިގެން ބާއްވާ، ފެންވަރު ދައްކާލުމުގެ މުބާރާތް މިރޭ ފެށުމަށް ހަމަޖެހިފައިވަނީ އެކުވެނި އައުޓްޑޯރ ބާސްކެޓް ކޯޓުގައެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި ގައުމީ ޓީމު ސްކޮޑުގައި ހިމެނޭ 35 ކުޅުންތެރިން ވާދަކުރާނެ ކަމަށާއި އޭގެ ތެރޭގައި އަލަށް ހޮވުނު ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ވާދަކުރުމަކީ އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ފައިދާ ކުރާނެ ކަމެއް ކަމަށާއި އެ މުބާރާތުގެ ބޭނުމަކީ ގައުމީ ސްކޮޑުގެ ކުޅުންތެރިން އިވެލުއޭޓު ކުރުން ކަމަށެވެ.

މި މުބާރާތަކީ އަންނަ އަހަރުގެ ފެބްރުއަރީ 6-16 އަށް އިންޑިއާގައި ބާއްވާ ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޕްރެކްޓިސް މުބާރާތެކެވެ.

ގޭމްސް އަށް ތައްޔާރުވުމަށް މި ޓީމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. މި މުއްދަތުގައި އެއްވެސް ކްލަބް މުބާރާތެއް ނޯންނާނެ އެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ރެޑްލައިން ކްލަބްގެ އަހުމަދު ފަޔާޒު (ފަޔާ) އެވެ.

ޓީމް ރެޑް:އިލްޔާސް އިބްރާހިމް (ކެޕްޓަން)، ހަސަން ޝަހުނޫން، ހުސައިން ހަލީމް، އަހުމަދު އަދުހަމް، އިބްރާހިމް ނަސީމް، އަހުމަދު ފިރާޝް އަދި ރިޝްފާން ރަޝީދު.

ޓީމް ވައިޓް: އަހުމަދު އަފްޝަން (ކެޕްޓަން)، އިސްމާއިލް ވިލްދާން، ހުސައިން ސިނާން، މުހަންމަދު ހުވައިލަދު، އަހުމަދު ޒަބީރު، މުހަންމަދު އަހުމަދު ޒަބީރު، އިބްރާހިމް އަންފަލް ޝަރީފް އަދި އަބްދުﷲ އަފްލަހު ލަތީފް.

ޓީމް ބްލެކް: ޒަކަރިއްޔާ އަބްދުއްލަތީފު (ކެޕްޓަން)، އަހުމަދު އިފްސަހު، މުހަންމަދު ހަސަން، ހަސީން މުހަންމަދު، އަހުމަދު ހުޝާމް، އަލީ ފަޒްލީ އަދި އިބްރާހިމް ރަޝްވާން.

ޓީމް ގްރީން:މުހަންމަދު ޒިލާލް (ކެޕްޓަން)، މުހަންމަދު ސަމޫހު، އަބްދުﷲ ފިރުނާޝް، އިމްރާނު އަހުމަދު، އަހުމަދު އަލީ މުސްތަފާ، އަހުމަދު ނަޖީލް، އަބްދުﷲ އަމްޒަރު އަދި އަހުމަދު ނަސީރު.

ފައިވް އޮން ފައިވް އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.