އެޑިއުކޭޝަން ޕޭ ލީވްގެ ދަށުން އިންޑިޔާގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނަށް މިދިޔަ މަހުގެ އެލަވަންސް ނުލިބޭ ކަމަށް ބުނެ ޝަކުވާ ކުރަމުން އެބަދެ އެވެ.

އިންޑިޔާގައި ކިޔަވާ ދިވެހި ކުދިންގެ ޖަމިއްޔާއެއް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ދަރިވަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް، ބުނި ގޮތުގައި މިދިޔަ މަހުގެ ލިބެންޖެހޭ އެލަވަންސް ފައިސާ އަދިވެސް ލިބިފައެއް ނުވެ އެވެ. އެ ދަރިވަރު ބުނީ އަދި ޕޭލީވް އެލަވަންސް ނުލިބުމުގެ ސަބަބުން ދަރިވަރުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

"މަސް ނިމޭއިރު އަތުގަ ލާރިއެއް ނުހުރޭ، ލާރި ނުލިބުމުން ކުއްޔެއް ނުދެއްކޭ، ކެއުން ބުއިމަށް ދަތިތަކެއް ކުރިމަތިވޭ،" ޔުނިވާސިޓީގައި ކިޔަވާ ދަރިވަރަކު ބުންޏެވެ.

އިންޑިޔާގެ މައިސޫރުގެ ޔުނިވާސިޓީއެއްގައި ކިޔަވަމުން އަންނަ ދިވެހި އެހެން ދަރިވަރަކު މިއަދު ފޯނުން ކިޔައި ދިން ގޮތުގައި އޭނާއާއެކު ދިވެހި 40 ދަރިވަރުން ކިޔަވަން ތިބޭއިރު އޭގެ ތެރެއިން 80 ޕަސެންޓް ކުދިންނަކީ ފަހު ސެމިސްޓާ ކިޔަވަމުން އަންނަ ކުދިންނެވެ. އެ ދަރިވަރުންނަށް މިމަހުގެ އެކެއްގެ ކުރިން އިމްތިހާން ފީ އާއި ގުރެޖްއޭޝަން ފީ ދައްކަންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ބުނީ ދަރިވަރުންގެ އެލަވަންސް ޖަމާވެފައި ނުވުމުން ކޮލެޖުތަކުގައި އެދިގެން އެ ކޮލެޖުތަކުން މި މައަދުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

ދަރިވަރުން ބުނީ މި އެލަވަންސް ނުލިބި، ހާލުގައި ޖެހިފައިވާއިރު ޔޫތު މިނިސްޓްރީން ބުނެފައި ވަނީ މި މަހުގެ 15 ގެކުރިން އެލަވަންސް ޖަމާ ކޮށްދެވެން ނެތް ކަމަށް ކަމަށެވެ.

ސަރުކާރުގެ މިނިސްޓްރީތަކުން ޕޭ ލީވް ދީގެން ރާއްޖޭން ބޭރަށް ކިޔަވަން ފޮނުވާ ދަރިވަރުންގެ އެލަވަންސް ހަމަޖައްސައިދެނީ ޔޫތު މިނިސްޓްރީ މެދުވެރިކޮށެވެ.

ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ، އައިމިނަތު އަލީ މިއަދު ވިދާޅުވީ ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކަންކަން 2010 ގެ ޑިސެމްބަރުގެ ނިޔަލަށް ކުރީ މިނިސްޓްރީތަކުން ކަމަށާއި 2011 ވަނަ އަހަރުން ފެށިގެން އެ މަސައްކަތާ އެ މިނިސްޓްރީން ހަވާލުވި ނަމަވެސް އެހެން މިނިސްޓްރީތަކުގެ ދަށުން ކިޔަވަން ދިޔަ ފަރާތްތަކުގެ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ.

"ސްޓާފް ޑިވެލޮޕްމަންޓްގެ ދަށުން މިނިސްޓްރީތަކުން ކިޔަވަން ގޮސް ތިބޭ ކުދިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފައި، ނަމަވެސް އަދި ވެސް ބައެއް ކުދިންނާ ބެހޭ މައުލޫމާތު ލިބިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޑިއުކޭޝަންގެ ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކިޔަވާ ކުދިންނާ ބެހޭ މައުލޫމާތު ލިބިފައި ވަނީ މާޗް22، 2011 ގައި ކަމަށެވެ. ނަމަވެސް އެ މައުލޫމާތުތަކުގައި ސްޓާފުންނަށް ދޭންޖެހޭ ބަޖެޓްގެ ތަފްސީލް ލިބިފައި ނުވާތީ އެމައުލޫމާތުތައް ހޯދުމަށް އެދުމުން އެ މައުލޫމާތުތައް ލިބިފައިވަނީ އިއްޔެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިނިސްޓްރީގެ އެކައުންޓަށް ވީހާ އަވަހަކަށް ފައިސާ ޖަމާ ކޮށްދިނުމަށް ފިނޭންސްގައި އެދިފައިވާނެ ކަމަށެވެ. އެ ފައިސާ ދަރިވަރުންގެ އެކަންޓަށް ޖަމާކޮށްދެވޭނީ ފިނޭންސުން ފައިސާ ޖަމާކޮށްދިނުމުން ކަމަށްވެސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މިއަދު އެޑިއުކޭޝަން މިނިސްޓްރީ އަށް ގުޅައިގެން އަދި ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.