21 Apr 2010, 12:08
14:30
ނ. މާފަރުން ފުރައިގެން މާލެ އައުމަށް ދަތުރުކުރި އުފުއްޔެއް ބަންޑުންޖަހާލައިގެން ކަނޑުވެ، ގެއްލިފައިވާ ދެ މީހުން 24 މީޓަރު އަޑީގައި މަރުވެފައި ތިއްބާ ފެނިއްޖެ އެވެ.
އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ސީލައިން ހޯލްޑިންގެ ފަރާތުން ކުއްޔަށް ހިފައިގެން އުޅޭ އާރުކޭއެލްގެ އެ އުފުލި، ބަންޑުން ޖަހާލާފައި ވަނީ ރޭ 10:30 ހާއިރު ހަތް މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް މާފަރާއި ނ. މަނަދޫއާ ދޭތެރޭގައި އޮތް ތިލައަކަށް އަރައިގެން ކަމަށެވެ. އެ ހާދިސާގައި ގެއްލިފައިވާ އާރު.ކޭ.އެލްގެ މުވައްޒަފެއް ކަމަށްވާ ލ. ދަނބިދޫ، ކުޑަދަހަރާގޭ އިބްރާހިމް ރަމީޒާއި ސީލައިންގެ މުވައްޒަފެއް ކަމަށްވާ ޅ. ހިންނަވަރު، ޑްރިންކްގޭ އިބްރާހިމް މުޙައްމަދުގެ ހަށިގަނޑު ކޯސްގާޑުގެ ޑައިވަރުންގެ ޓީމަށް ފެނުނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށާއި އެ ދެ މީހުން ކަނޑުއަޑީގައި އޮތް ސަރަހައްދަކީ އެ އުފުލި ބަންޑުން ޖަހާލި ސަރަހައްދު ކަމަށް ވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ. އަބްދުﷲ އަލީ ވިދާޅުވީ އެމީހުންގެ ހަށިގަނޑު ނ. މަނަދު އަށް ގެންދިއުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގިއިރު އެއުފުލީގައި ހުރި މީހަކު ސަންއެފްއެމަށް މައުލޫމާތު ދެމުން ބުނީ އެ އުފުލި ބަނޑުން ޖަހާލާފައި ވަނީ ރޭ ގާތްގަނޑަކަށް 11 ޖަހާކަންހާއިރު އެއް އިންޖީނަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދިޔަވެގެން ގޮސް އޭގައި ހުރި ބައެއް ވެހިކަލްތައް އަރިއަޅައިލައިގެން ކަމަށެވެ. އަދި ބަންޑުން ޖަހާލުމާއެކު ހަތަރު މީހަކު ފަތާގައި ގޮސް މާފަރަށް އަރައި އެރަށުގެ މީހުންގެ އެހީ ހޯދީ ކަމަށް ވެސް އޭނާ ކިޔައިދިނެވެ. އަދި އެރަށު ބަޔަކު އެ ސަރަހައްދަށް ދިޔައިރު އެމީހުންގެ ތެރެއިން އެކަކު އުފުލި ކައިރީގައި އޮތް ކަމަށްވެސް އޭނާ ބުންޏެވެ.
އެހާދިސާ ހިނގިއިރު އެ އުފުލީގައި ހުރި ދެ އެކްސްކަވޭޓަރާއި ޓްރެކްޓަރެއް ވެސް ވަނީ ކަނޑު އަޑިއަށް ގޮސްފަ އެވެ. މި އުފުލީގައި ދަތުރުކުރި ހަތް މީހުންގެ ތެރޭގައި އާރު.ކޭ.އެލްގެ ތިން މުވައްޒަފުންނާއި، ސީ ލައިން ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ހަތަރު މުވައްޒަފުން ހިމެނޭ ކަމަށްވެސް ކޯސްޓްގާޑުން ބުނެ އެވެ.