މާލޭ ހުޅަނގު ހާބަރު ސަރަހައްދުންނާއި އަލިމަސްއުފާ ކާނިވަލު ސަރަހައްދުން ކެފޭ އަދި ރެސްޓޯރަންޓު ހިންގުމަށް ބައެއް ބިންތައް ކުއްޔަށް ދިނުމަށް ހައުސިން މިނިސްޓްރީން ކުރި އިއުލާން ބާތިލް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހާބަރާއި އަލިމަސްއުފާ ކާނިވަލު ސަރަހައްދުން ކެފޭ އަދި ރެސްޓޯރަންޓު ހިންގަން މިދިޔަ މަހުގެ 27 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުތަކަށް ބަލާއިރު، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެކަން ދިރާސާކޮށްފައިވާ ކަމަށެވެ.

އޭސީސީގެ ބަޔާނުގައި އެފަދަ ކަންކަމަށް ބިންދޫކުރުމަށް ހައުސިން މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައި ވަނީ އެ އުސޫލުގެ ދަށުން ވަކިކުރެވޭ ބިންތައް ދޫކުރެވޭނީ ގުރުއަތުން ދިމާވާ ފަރާތްތަކަށް ކަމަށެވެ.

ނަމަވެސް އެއީ ބިމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމުގެ ގަވާއިދު"ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފު ގޮތެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ސިން ދޫކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ބިންތަކުގެ ކުލި ކަނޑައަޅުއްވާފައިވީނަމަވެސް 'ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިންދޫކުރުމުގެ ގަވާއިދު' ގެ 3 ވަނަ މާއްދާގެ (ށ) އާއި އެ މިނިސްޓްރީގެ 15 ޖުލައި 2015 ގައި ގެޒެޓުކުރައްވާފައިވާ އުސޫލުގެ 12 ވަނަ މާއްދާއާ ޚިލާފުކަން މި ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ،" އޭސީސީގެ ބަޔާނުގައި ވެއެވެ.

އެގޮތަށް ކުލި ކަނޑައަޅާފައިވިމާއި ވަޒަންކުރެވޭނެ ހަރުދަނާ މިންގަނޑުތަކެއް ނެތި ގުރުއަތުން ހޮވޭ ފަރާތަކަށް ބިންދޫކުރަން ނިންމާފަައި އޮތުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ކެފޭ އަދި ރެސްޓޯރަންޓު ހިންގަން ބިން ދޫކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލު އަލުން ރިވިއުކުރުމަށް އޭސީސީން ވަނީ އަންގައިފައެވެ.