15 Nov 2015, 15:47
ރާއްޖޭގައި މީގެ ފަސް އަހަރުކުރިން ފަށާފައިވާ ޓެކުސް ނެގުމުގެ ނިޒާމު ފުރިހަމަ ވާނީ އިންކަމް ޓެކުސް ވެސް ނަގައިގެން ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ބަޖެޓު ކޮމެޓީގައި މިއަދު ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ އިންކަމް ޓެކުސް ނެގުމަށް ސަރުކާރުން އަދި ވިސްނާފައި ނުވި ނަމަވެސް އެކަމާ ގުޅޭ ދިރާސާތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
އިންކަމް ޓެކުސް ނެގުމުގެ ގޮތުން މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި އެއްލައްކަ ރުފިޔާ ލިބޭ މީހުންގެ އަތުން ޓެކުސް ނެގުމަށް ސަރުކާރުން ވިސްނި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންނަމަވެސް ވަރަށް މަދު ބައެއް މި ތިބެނީ އެގޮތަށް ވެސް ޓެކުސް ނެގެން. ކޮންމެވެސް އެއްގޮތަކުން ސަރުކާރަށް އެބަ ނެގޭ މިސާލަކަށް ވިޔަފާރި ކުލިން ވެއްޖިއްޔާ ވިޔަފާރި ކުލިން ތަންތަން ކުއްޔަށް ދީގެން. އެހެންވީމަ އެކަހަލަ ދިރާސާތައް ކުރުމުގެ މަގުމަތީގައި މިއުޅެނީ. ކުރިއަށް އޮތް ތާނގައި އެކަން ނުވާނެ އެކޭ ނުބުނާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ޖިހާދު ވަނީ ސަރުކާރުން ދައްކަންޖެހޭ ބިލުތަކާ ގުޅޭ ގޮތުން ވެސް ވާހަކަފުޅުދައްކަވާފަ އެވެ.
ޖިހާދު ވިދާޅުވީ ސަރުކާރުން އެކި ފަރާތްތަކަށް ދައްކަން ހުރި ފައިސާތަކުގެ ތެރެއިން އެއް ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ދައްކާފައިވާނެ ކަމަށެވެ. އަދި ނުދައްކާ ހުރި ބިލުތައް ދެއްކުމުގެ ގޮތުން އަންނަ އަހަރަށް 500 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި އެއަށް ވުރެ ދަށް އަދަދަކުން ވެސް އެކަން ނިންމާލެވިދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ އޮޑިޓާ ޖެނެރަލް ނުރެއްވާ އޮޑިޓު ރިޕޯޓުގައި ދައުލަތުގެ މާލިއްޔާއިން ގެއްލިފައިވާ ފައިސާތައް ހޯދުމުގެ މަސައްކަތް ވެސް ފިނޭންސް މިނިސްޓުރީން މިހާރު ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެކަމާ ގުޅޭގޮތުން ޚާއްސަ ކޮމެޓީއެއް މިހާރު އެކުލަވާލަފައިވާ ކަމަށާއި އަންނަ އަހަރު އެ މަސައްކަތް މިހާރަށް ވުރެއް ބާރު މިނެއްގައި ސަރުކާރުން ކުރަމުން އަންނާނެ ކަމަށެވެ.
"އޮޑިޓު ރިޕޯޓުގައި ހުރި ބައެއް ކަންތައްތަކަކީ ސީދާ އިހުމާލުވާކަމަށް ކަނޑައަޅަންޖެހޭނެ ކަންތައްތައް. އޮޑިޓު ރިޕޯޓުގައި ހުންނަނީ ފައިސާއާ ގުޅޭ ގަވާއިދާ ހިލާފުވީމަ މިހެން މިވެނި ކަމެކޭ. އަޅުގަނޑުމެން އެބަޖެހޭ އެ ބޭސިސް ވަރަށް ފަރމް ކުރަން. އަޅުގަނޑުމެން އަދި ހީކުރި ވަރަށް ވުރެއް އެހާ ފަސޭހައެއް ނޫން އެކަން ކުރާކަށް. އެހެންވީމަ އަޅުގަނޑުމެން ހުރިހާ ރިޕޯޓެއް ވަކިވަކިން މިކިޔަނީ. ކިޔާފައި ކިހިނެއްތޯ އެކަން ގެންދާނީ. އިރާދަކުރެއްވިއްޔާ 2016 ވަނަ އަހަރު އެ މަސައްކަތް މިހާރަށް ވުރެއް ބާރު ސުޕީޑެއްގައި އަޅުގަނޑުމެން ކުރިއަށް ގެެންދާނަން،" ޖިހާދު ވިދާޅުވި އެވެ.