15 Nov 2015, 15:24
ރ. އަލިފުއްޓަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައިގެ ސަބަބުން އެރަށުގައި މޫދަށް އެރިއުޅޭނެ ސަރަހައްދެއް ނެތުމުން ކައުންސިލުން އިސްނަގައިގެން އެރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
އަލިފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަރީފު މިއަދު ސަން އަށް ވިދާޅުވީ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ އެ މަސައްކަތުގައި އެރަށު ރައްޔިތުން ވެސް ބައިވެރިވަމުން އަންނަ ކަމަށެވެ.
"ގޮނޑުދޮށް ރިީތިކޮށްލައި، އެއްގަމުގައި މި އޮތް ސަރަހައްދު ސާފުކޮށްލައި، މޫދު ތެރޭގައި ހުންނަ ކުނިބުނި ނަގާލައި މިސަރަހައްދުގައި މޫދަށް އެރިލެވޭނެ މާހައުލެއް ގާއިމު ކޮށްލުމުގެ މަސައްކަތް ކުރިއަށް މިދަނީ،" ޝަރީފު ވިދާޅުވިއެވެ.

އަލިފުށީގައި މޫދަށް އެރޭނެ ސަރަހައްދު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ---- ފޮޓޯ: އަލިފުށީ ކައުންސިލް
ޝަރީފް ވިދާޅުވީ ހިލޭސާބަހަށް ރައްޔިތުން އެ މަސައްކަތުގައި ބައިވެރިވިޔަސް، އެމީހަކަށް ވެވެން އޮތްމިންވަރަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެ މަސައްކަތް މުޅިން ނިމޭއިރު ބާބެކިއު ހެދޭނެ އިންތިޒާމާއި މޫދަށް އެރުމަށްފަހު ފެންވެރާލެވޭނެ ފަދަ ނިޒާމެއްވެސް އެ ސަރަހައްދުގައި ގާއިމްކުރުމަށް ޕްލޭންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އާއިލާތައް އެކުގައި އައިސް މި މޫދަށް އެރޭ ސަރަހައްދުގައި އާއިލާ އާއި އެކޮށް ވަގުތު ހޭދަކޮށްލުމަށް، މަޖާކޮޮލާ ހަދާލުމަށް ބާބެކިއު ޕޮއިންޓަކާއި މިކަހަލަ ކަންތައްތައް ވެސް މިތަނުގެ ތެރޭގައި ކުރެވޭ ކަހަލަ ގޮތަކަށް އިންތިޒާމު ކުވެރެވެމުން ދާނީ ނިމިގެން ދާއިރުގައި،" ޝަރީފު ވިދާޅުވިއެވެ.

އަލިފުށީ ބީޗް ސަރަހައްދު ސާފުކުރުމުގައި އެރަށުގެ ރައްޔިތުން ހަރަކާތްތެރިވަނީ /ފޮޓޯ:އަލިފުށީ ކައުންސިލް އިދާރާ
އެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އަލިފުށީ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.