ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުކުރު ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އަންނަ އަންގާރަ ދުވަހުގެރޭ އިންގްލެންޑާއި ފްރާންސް ބައްދަލުކުރާ މެޗު ފަސްނުކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ފްރާންސް އާއި ޖަރުމަނު ބައްދަލުކުރި މެޗް ކުރިއަށް ދަނިކޮށް ދިން ޓެރަރިސްޓު ހަމަލާތަކުގައި 129 މީހުން މަރުވެފައިވާއިރު، ގިނަ ބަޔަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. މި ހަމަލާގެ ސަބަބުން ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗަށް ފްރާންސް ޓީމު ދާނެކަމާ މެދު ސުވާލު އުފެދުނެވެ.

އެއީ މިދިޔަ ހޮނިހިރު ދުވަހު ފްރާންސާއި އިންގްލެންޑްގެ ޒުވާން ޓީމު ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ކެންސަލް ކުރުމުންނެވެ. އެހެން ނަމަވެސް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ ވަނީީ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗަށް ފްރާންސް އެ ގައުމަށް ދާނެ ކަމަށް ބުނެފަ އެވެެ.

އިނގިރޭސި އެފްއޭގެ ޗެއާމަން ގްރެކް ޑައިކް ވިދާޅުވީ، ފްރާންސްގެ ފުޓްބޯޅަ އިދާރާ އާއި އިނގިރޭސި ސަރުކާރާ ވާހަކަދެއްކުމަށްފަހު ކުރިން ވެސް ހަމަޖެހިފައި އޮތް ގޮތަށް މެޗު ކުރިއަށްގެންދަން ނިންމައިފައިވާ ކަމަށެވެ.

"ޕެރިހުގައި ދެވުނު ހަމަލާއާ ގުޅިގެން، އަސަރުކޮށްފައިވާ މީހުންނާއި އަދި ފްރާންސާއެކީ ތިބިކަން އަހަރުމެން އެ ދުވަހު ސާބިތުކޮށްދޭނަން،" ޑައިކް ވިދާޅުވިއެވެ.

މި މެޗު އޮންނާނީ، އަންގާރަ ދުވަހު އިންގްލޭންޑްގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ޕެރިހުގައި ދިން ހަމަލާތަކާ ގުޅިގެން، ޔޫރަޕްގެ ގައުމުތަކުގައި ކުޅޭ މެޗުތައް ފެށުމުގެ ކުރިން އެއް މިނެޓްގެ ސުކޫތެއް ގެނައުމަށާއި، އަދި މެޗުގައި ކުޅޭ ޓީމުތަށް ކަޅުކުލައިގެ ބޭންޑް ބޭނުންކުރުމަށް ޔޫއެފާއިން ވަނީ އަންގައިފައެވެ.

އިންގްލެންޑްގެ ކޯޗް ރޯއީ ހޮޖްސަން ބުނީ އެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި އެއީ ހުރިހާ ގޮތަކުން ވެސް ހާއްސަ މެޗެއް ކަމަށެވެ.

"މެޗު ކުޅޭ ގޮތަށް ނިންމި ނިންމުމަށް މަރުހަބާ ކިޔަން. މި މެޗަކީ ފްރާންސްއާ އެކު އިންގްލެންޑުން ވާކަން ދަށްކުވައިދިނުމަށް ވެސް ލިބޭ ފުރުސަތެއް. ކުޅިވަރުގެ ތެރެއިން ވެސް އެބަޖެހޭ އެއްބައިވަންތަކަން ދަށްކުވައިދޭން،" ހޮޖްސަން ބުންޏެވެ.

ފްރާންސް ވަނީ ހުކުރު ދުވަހުގެރޭ ޖާމަނީ އަތުން 2-0 އިން މޮޅުވެފަ އެވެ. އެރޭ އިންގްލެންޑްގެ މައްޗަށް ސްޕެއިން އިން ކުރިހޯދީ 2-0 އިންނެވެ.