މާލެ އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ތުލުސްދޫ ކަމަށް ކައުންސިލުން ކަނޑައެޅި ފަހުން، ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލްގެ އާންމު ބައްދަލުވުމެއްގައި އެމްޑީޕީ ދެ ކައުންސިލަރުން ބައިވެރިވެގެން ޖަލްސާއެއް ބާއްވައިފި އެވެ.

ތުލުސްދޫގައި މިއަދު ބޭއްވި އަތޮޅު ކައުންސިލްގެ އާންމު ފަސް ވަނަ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަން އެމްޑީޕީ ދެ ކައުންސިލަރުންނަކީ ގުރާދޫ ދާއިރާގެ ކައުންސިލަރު އަލީ ޝާހީން ހުސައިން އާއި ކާށިދޫ ދާއިރާގެ ކައުންސިލަރު އާޒިމް އަބްދުލް ރަހީމެވެ.

މާލެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ސައީދު މިއަދު ވިދާޅުވީ އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި އެމްޑީޕީގެ ދެ ކައުންސިލަރުން ތުލުސްދު އަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެ ބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ބައްދަލުވުމުގައި ނިންމި ނިންމުތަކުގައި ވެސް އެމްޑީޕީގެ ކައުންސިލަރުން ބައިވެރިވެވަޑައިގެން ވަރަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

"ތުލުސްދު އަށް ފައިބައިގެން ވަގުތު މާ ބޮޑިތައް ހަދިޔާކޮށްދީ ވަރަށް ހޫނު މަރުހަބާއެއް ރައްޔިތުންފާތުން ކިޔާފައި ވަނީ. އަދި އަތޮޅު ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުން ވެސް ވަރަށް ހޫނު މަރުހަބާއެއްކި. ހަމަ އަޅުގަނޑުމެންނަށް ވެސް ހަމަޖައްސާފައި އޮންނަ އުސޫލުން ހަމަ ރައްޔިތުންގެ ފަރާތުން އެ ބޭފުޅުންގެ އެކަމޮޑޭޝަނާއި މި ކަންތައް ވެސް ހަމަޖެހިފަ މިއޮތީ،" ޑީއާރުޕީގެ މެޖޯރިޓީ އޮތް މާލެ އަތޮޅުގެ ކައުންސިލްގެ ރައީސް ސައިދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ އަތޮޅު ފެންވަރުގައި ގުރުއާން މުބާރާތެއް ބޭއްވުމާ ބެހޭ ގޮތުން ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ކައުންސިލްގެ ހަ މެންބަރުން އިންތިފާގުވެގެން އަތޮޅު ގުރުއާން މުބާރާތް ބޭއްވުމަށް 80،000 ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

ކައުންސިލްތައް ހިންގާ ގަވާއިދު ބުނާ ގޮތުން ކައުންސިލްގެ އާންމު ބައްދަލުވުންތަކަށް އުޒުރަކާ ނުލައި ޖެހިޖެހިގެން ހަތް ފަހަރު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންފި ނަމަ އެ ކައުންސިލަރެއްގެ މަގާމު ގެއްލޭނެ އެވެ.
މާލެ އަތޮޅުގެ ވެރިކަން ތުލުސްދު އަށް ބަދަލު ކުރިފަހުން އަތޮޅު ކައުންސިލްގެ އާންމު ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންނެވި އެމްޑީޕީ ކައުންސިލަރު ޝާހިން ވިދާޅުވީ ކައުންސިލްގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ނިންމީ ގިނަ ބަޔަކު ތިބި ތަނެއްގައި ނިންމުންތަކެއް ނިންމައި ރައްޔިތުންނަށް ފައިދާ ހުރި ކަންތަތަކެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އޭނާ ވިދާޅުވީ މާލެ އަތޮޅުގެ މަރުކަޒީ ރަށުގެ މައްސަލަ ކޯޓް މަރުހަލާގައި ވާއިރު، އެފަދަ ދުސްތޫރީ މައްސަލައަކަށް ގޮތް ނިންމުމުގެ ކުރިން މާލެ އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ތުލުސްދޫ ކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ.
"އަދިވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެކަމެއް. ސްޕްރީމް ކޯޓޫން ގޮތެއް ނިންމުމުން ނޫނީ ގަބޫލެއް ނުކުރާނަން އެކަން،" ޝާހީން ވިދާޅުވި އެވެ.

މާލެ އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ތުލުސްދޫ ކަމަށް ކަނޑައެޅުމާ އެކު، ސަރުކާރާއި ފުލުހުން ކައުންސިލް އިދާރާގެ މަސައްކަތަށް ހުރަސް އަޅާ ކަމަށް ބުނެ، މާލެ އަތޮޅު ކައުންސިލުން ވަނީ ތުލުސްދޫ ރަށު ކޯޓަށް އެ މައްސަލަ ހުށަހަޅައިފަ އެވެ. އަދި މާލެ އަތޮޅުގެ މަރުކަޒީ ރަށް ކަނޑައަޅައިދިނުމަށް ވެސް ކޯޓަށް ހުށަހަޅާފައިވެ އެވެ. އަދި ލާމަރުކަޒީ ގާނޫނުގައި ދުސްތޫރީ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް އާއި ފާރޫގު މުހައްމަދު ހަސަން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.