ބިދޭސީ މުވައްޒަފުންގެ މުސާރައިން ނަގާ ފީއަކީ ޒުވާން އާބާދީގެ ތަރައްގީއަށް އުފައްދާ ފަންޑެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބިދޭސީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ރާއްޖެ އިން ބޭރަށް ފޮނުވާ ފައިސާ އިން ތިން ޕަސެންޓްގެ ފީއެއް އަންނަ އަހަރުން ފެށިގެން ނަގަން ނިންމައި ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި 135000 ބިދޭސީން ހަރަކާތްތެރިވާއިރު އަހަރެއްގެ މައްޗަށް 408 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުވާ ކަމަށެވެ. އެހެންކަމުން އެފަދަ ފީއެއް ނެގުމާ އެކު އެއީ ޒުވާން އާބާދީގެ ތަރައްގީއަށް ހެދޭ ފަންޑަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިދެންނެވި އަދަދު އަޅުގަނޑުމެންނަށް ނެގިއްޖެ ކަމަށްވަންޔާ ދައުލަތަށް ހަމައެކަނި ވަންނަ އާމްދަނީއެއްގެ އިތުރަށް ދިވެހި ރާއްޖޭގެ ޒުވާން އާބާދީއަށް ތައުލީމާއި ކުރިއެރުމާއި ސްކިލްސް ޑިވެލޮޕް ކުރުމަށްޓަކައި ގުރޯ ކުރެވޭ ފަންޑަކަށް ވެސް މި ފަންޑު ހެދިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ބިދޭސީންގެ 80 ޕަސެންޓް މުވައްޒަފުންގެ މުސާރައަކީ 250 ޑޮލަރަށް ވުރެ ކުޑަ މުސާރައަކަށްވާ އިރު އެފީއަކީ ކުޑަ ފީއެއްކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ބިދޭސީންގެ އަތުން ނަގާ އެފީގެ ސަބަބުން އަންނަ އަހަރު ދައުލަތުގެ ބަޖެޓަށް 56 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

މިއަދުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ ބަޖެޓު ހެދުމުގައި ބެލީ އެއްވެސް ޓެކްސް ރޭޓަކަށް ބަދަލު ނުގެނެސް ރާއްޖޭގައި ހުރި މިހާރު ހުރި ވަސީލަތްތައް ބޮޑަށް ބޭނުންކޮށްގެން އާންމު ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެގޮތަށް އާމްދަނީގެ ކަންކަން ކުރިއަށް ގެންދަން ކަމަށެވެ.

"ވީހާވެސް ބޮޑަށް ނޮން ޓެކްސް މެޝާސް މިފަހަރު ބަޖެޓުގައި ހިމަނާފައި އިންނާނީ،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި އެހެނިހެން އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިމަނައިފަ އެވެ.