ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް އެންމެ ކުޑަކޮށް ދެވޭނެ މުސާރައެއް ކަނޑައަޅައިފި ނަމަ ވާދަވެރިން ގެއްލެމުންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 27.457 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީ ހޯދާނެ ގޮތްތަކާ ގުޅޭ ގޮތުން ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް އެންމެ ކުޑަކޮށް ދޭނެ މުސާރައެއް ކަނޑައެޅުމުގެ ވިސްނުމެއް ސަރުކާރުން އަދި ނުގެންގުޅުއްވާ ކަމަށެވެ.

ޖިހާދު ވިދާޅުވީ މިނިމަމް ވޭޖެއް ނުވަތަ އެންމެ ކުޑަކޮށް ދެވޭނެ މުސާރައެއް ދޭން ސަރުކާރުން ކަނޑައަޅައިފި ނަމަ މަސައްކަތު މީހާ އޭނާގެ މަސައްކަތަށް ކިތަންމެ ފަރުވާ ކުޑަކުރި ނަމަވެސް އެ މީހަކަށް ދޭން ޖެހޭ އެންމެ ދަށް މުސާރަ ދޭން މަޖުބޫރުވާނެ ކަމަށެވެ.

"މިނިމަމް ވޭޖު [އެންމެ ކުޑަކޮށް ދެވޭނެ މުސާރަ] ކަންތައް އަދި ސަރުކާރުން ކުރިއަކަށް ނުގެންދަވާ. އެކަން ހަމަޖައްސައިފި ނަމަ އަޅުގަނޑުމެންގެ ކޮމްޕެޓިޓިވްނެސް ގެއްލޭނެ. އެއީ މަޖުބޫރު ވާނެ އެ ވަރު ދޭން. މަސައްކަތު މީހާ ކިތަންމެ ފަރުވާ ކުޑަވިނަމަވެސް ވަޒީފާދޭ ތަނަށް މަޖުބޫރު ވާނެ އޭނާއަށް ދޭން ޖެހޭ މިނިމަމް ވޭޖު ދިނުމަށް،" ޖިހާދު ވިދާޅުވި އެވެ.

މިއަދު ކޮމެޓީ ބައްދަލުވުމުގައި މިނިމަމް ވޭޖާ ގުޅޭ ގޮތުން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ސުވާލު ކުރައްވާފައި -- ސަންފޮޓޯ/ އަލީ ނަސީރު

ޖިހާދު ވިދާޅުވީ އެގޮތަށް ސަރުކާރުން ކަނޑައަޅައިފި ނަމަ ދައުލަތުގެ އުފެއްދުންތެރިކަމަށް ލޮޅުންތަކެއް އަރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ސަރުކާރުން އޮންނާނީ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލާފައި ކަމަށާއި ވިޔަފާރިވެރިޔާ ބޭނުންވެއްޖެ ހާލަތެއްގައި އޭނާ އަށް ދެވެން އޮތް އެންމެ ބޮޑު މުސާރައެއް ދިނުމުގެ އިހުތިޔާރު ވެސް އޭނާ އަށް އޮންނާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"ދުނިޔޭގެ އެއްވެސް ތާކު ނޯންނާނެ އިނގޭތޯ ދައުލަތުގެ ވަޒީފާގައި ނުވަތަ ސަރުކާރު މުވައްޒަފުންނަށް އެކަނި މިނިމަމް ވޭޖެއް ކަނޑައަޅާފައެއް. މިނިމަމް ވޭޖެއް ކަނޑައަޅަންޏާ ކަނޑައެޅޭނީ މުޅި ގައުމުގައި. ހަމައެކަނި ސަރުކާރަށް އެކަން ކޮށްފައެއް ނޯންނާނެ،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ ސަރުކާރު އެއްވެސް މުވައްޒަފެއްގެ މުސާރަ 4000 ރުފިޔާ ނުވަތަ 5000 ރުފިޔާއަށް ވުރެ ކުޑަ ނުވާނެ ކަމަށެވެ.

އެންމެ ކުޑަކޮށް ދެވޭނެ މުސާރައާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ޖިހާދާ ސުވާލު ކުރެއްވި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ރާއްޖޭގެ އިންފްލޭޝަން ދުވަހެއް ދުވަހަކަށް މައްޗަށްދާ ކަމަށެވެ. އަދި ވިދާޅުވީ އާންމު ރައްޔިތުން ދިރިއުޅޭ ތަންތަނުގެ ކުލި އިންތިހާއަށް މައްޗަށްދާ އިރު މުވައްޒަފުންގެ މުސާރައަށް ބަދަލު ނާންނާތީ އެކަމާ ރައްޔިތުން ޝަކުވާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މުވައްޒަފުންނަށް އެންމެ ކުޑަކޮށް ދެވޭނެ މުސާރައެއް ކަނޑައެޅުމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެކަން ތަންފީޒުވަމުން ނުދާ ކަމަށެވެ.