މޯލްޑިވްސް މާކެޓިން އެންޑް ޕަކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ގެއްލިފައިވާ ފައިސާތައް ހޯދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކޮމެޓީގައި މިއަދު ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ 60 ރަށެއްގެ ވާހަކަ ދެކެވޭއިރު އޭގެ ތެރެއިން ބައެއް ރަށްތަކާއި ފަޅުތަކުގެ 20 ޕަސެންޓް ރެވެނިއު ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބާކީ 80 ޕަސެންޓް އެފައިސާއަކީ ޓުރާންސްޕޭރެންޓްކޮށް ގެއްލިގެން ނުދާނެ ގޮތަކަށް ދައުލަތައް ނެގޭނެ ފައިސާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެސެޓްސްތައް ގެއްލިގެން ނުދާނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ މިނިސްޓްރީތަކުން ދަނީ އަޅަމުން ކަމަށާއި ގެއްލިދިޔަ ފައިސާތަކަކީ ރިކަވާ ކުރެވޭނެ ފައިސާތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކުރިން ގެއްލި ދިޔަ ފައިސާއަކީ ގެއްލުނު އެއްޗެއްގެ ގޮތުގައެއް ނޫން މިބަލަނީ. އެރިކަވާ ކުރެވޭނެ ކަމަށް މިބަލަނީ. އެއަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އެވަނީ އެޅިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ފައިސާގެ މައްސަލައިގެ ތަފްސީލު ދަށްނަވަން ދަތި ކަމަށާއި މާލަސްތަކެއްނުވެ އެކަމުގެ ތަފްސީލު ލިބިގެންދާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީން ގެއްލިފައިވާ ފައިސާ ހޯދުމަށް ކެބިނެޓުގައިވެސް ވަނީ މަޝްވަރާކޮށްފައެވެ. ހަމައެހެންމެ އެމްއެމްޕީއާރުސީގެ ޚާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓާ ޖެނެރަލްއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވައިފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަންނަނީ އެމްއެމްޕީއާރްސީން ފަތުރުވެރިކަމަށް ރަށްތައް ދޫކުރި މައްސަލަ ތަހުގީގު ކުރަމުންނެވެ.