ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ގާނޫނުގެ ދަށުން އަންނަ އަހަރު ދައުލަތުގެ ބަޖެޓަށް 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެސްއީޒެޑްގެ ދަށުން އަންނަ އަހަރު ކުރިން އަންދާޒާކުރި އަދަދަށް ވުރެ "އުންމީދީ އާމްދަނީއެއް" ލިބޭނެ ކަމަށް ހިސާބްތަކުން ދައްކާ ކަމަށެވެ. އެގޮތުން ދައުލަތަށް 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް، އިކޮނޮމިކް ކައުންސިލް އަދި މިނިސްޓާ ފިނޭންސް އަދި އިކޮނޮމިކް ޒޯންގެ ބޯޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މިފަހަރު އިރާދަކުރެއްވިއްޔާ އާމްދަނީ ބަޖެޓަށް ވެއްދޭނެ ކަމުގެ." މިނިސްޓަރު ވިދާޅުވި އެވެ.

އެސްއީޒެޑްގެ ދަށުން ދެ ޕުރޮޖެކްޓްއަކަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި އައިހެވަން އާއި މާލޭ ޕޯޓް އާއި ފްރީ ޒޯން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި އެހެނިހެން އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިމަނާފަ އެވެ.