ފުރާންސުގެ ވެރިރަށް ޕެރިހުގައި ހުކުރު ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ހިންގަމުންދާ ތަހުގީގު ތަކުގައި ބެލްޖިއަމްގެ ތިން މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ޕެރިސް ޕުރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކެއްގެ އާއިލާގެ މެމްބަރުން ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާއަކީ ފުރާންސުގެ ރައްޔިތެއް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ ތަހުގީގުތައް މިހާރު ކުރިއަށްގެންދަނީ ބެލްޖިއަމްގެ ވެރިރަށް ބުރަސުލްސްގަ އެވެ. ބެލްޖިއަމްގައި ތަހުގީގުތައް ކުރިއަށްގެންދަނީ ޓެރަރިސްޓު ހަމަލާދިނުމަށް ބޭނުންކުރި ކާރުތަކަކީ އެ ގައުމުން ކުށްޔަށް ގެންގޮސްފައިވާ ކާރުތަކެއް ކަމުގައިވާތީ ކަމަށް ފްރާންސް ސަރުކާރުގެ އޮފިޝަލުން ވިދާޅުވެ އެވެ.

އައިއެސް އިން ވަނީ ހުކުރު ދުވަހު ޕެރިސްގެ ހަ ސަރަހައްދަކަށް ދިން ހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ.

ފުރާންސުގެ ރައީސް ފުރަންސޮވިސް އޮލެންޑާ ވަނީ އެ ހަމަލާ 'ހަނގުރާމައިގެ އަމަލެއް'ގެ ގޮތުގައި ސިފަ ކުރައްވައި، ހަމަލާ ދިން މީހުންގެ ފަރާތުން ބަދަލު ހިއްޕަވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

މައުލޫމާތު: އޭބީސީ ނިއުސް