ރީޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބޮމެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ހައްޔަރުކުރި ހާމިދު އިސްމާއީލް (ހާމިދު ސޭޓް) ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ހާމިދު މެލޭޝިއާ އިން ހައްޔަރުކޮށްގެން ރާއްޖެ ގެނައީ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް އިންޒާރުދިން މައްސަލައެއްގެ ތުހުމަތުގައި ކަމަށް އޭނާގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ހާމިދު ބަންދުގައި ބަހައްޓަން ތާއީދުކޮށްފައި ވަނީ ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ފެންނާތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ހާމިދު ސޭޓު ހައްޔަރުކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް ވައިބާ މެދުވެރިކޮށް އިންޒާރުންދިން ކަމުގެ ތުހުމަތުގައި ކަމަށް ވަކީލު ސުއޫދު ވިދާޅުވި އެވެ. ނަމަވެސް އިންޒާރުދިންގޮތުގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.

ހާމިދު ހައްޔަރުކޮށްފައި ވަނީ އޭނާ މެލޭޝިއާގައި ހުއްޓައި އެގައުމުގެ ފުލުހުންނެވެ. މެލޭޝިއާ އަށް ނުދެވޭ ގޮތަށް އޭނަ ވަނީ މިހާރު ޑީޕޯޓުކޮށްލައިފަ އެވެ.