04 Apr 2011, 15:13
މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައިވާ ކެފޭތައް ކުރިމަތީ ޕާކްކޮށްފައިވާ ވެހިކަލްތައް އެ ސަރަހައްދުން ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ. އެ ކައުންސިލުން މިކަން އަންގާފައިވަނީ އާއްމުކޮށް ކުރި އިއުލާނެއްގަ އެވެ.
ސިޓީ ކައުންސިލްގެ އިދާރާގެ އިއުލާންގައި ބުނަނީ ވެހިކަލްތައް ނަގަން ސިޓީ ކައުންސިލުން އެންގީ އެ ސަރަހައްދު ތަރުތީބުކޮށް ގާ އެތުރުމަށާއި އެ ސަރަހައްދު ފެހި ކުރުމަށެވެ.
އިއުލާންގައިވާ ގޮތުން ހާބަރު ކެންޓީންތަކާއި ފިހާރަތަކުގެ ކުރިމަތީގައި ޕާކްކޮށްފައިވާ ވެހިކަލްތަކާއި ކޮންކްރީޓް މެޝިން ފަދަ ތަކެތި މި އޭޕްރީލް މަހުގެ 12 ވަނަ ދުވަހުގެ ކުރިން ނުނަގައިފި ނަމަ އެ ވެހިކަލްތަކާ މެދު ގާނޫނާ ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ އެވެ.
މިކަމާ ބެހޭ ގޮތުން ސިޓީ ކައުންސިލްގެ ބަހެއް މިއަދު ލިބޭގޮތް ވަނީ ނުވަފަ އެވެ.