އެލައިޑް އިންޝުއަރެންސްގެ ފަރާތުން މާލޭގައި އައު ކަސްޓަމާ ސާވިސް އޮފީހެއް މިއަދު ހުޅުވައިފި އެވެ.

އެލައިޑުން އަލަށް ހުޅުވި ކަސްޓަމާ ސާވިސް އޮފީސް ހުންނަނީ އަމީރުއަހުމަދު މަގުން ވެލާނާގެ ކުރިމައްޗަށްވާ ގޮތަށެވެ.

އެލައިޑުން އަލަށް ހުޅުވި ކަސްޓަމާ ސާވިސް އޮފީސް ---- ސަން ފޮޓޯ/ އަލީ ނަސީރު

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެލައިޑުން އަލަށް ގާއިމްކުރި ކަސްޓަމާ ސާވިސް އޮފީސް ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ.

އެލައިޑުގެ އައު ކަސްޓަމާ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯގައި ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހަ ކައުންޓަރެން ގާއިމްކޮށްފައި ހުރެ އެވެ. އެގޮތުން އެ އޮފީހުން ޖެނެރަލް އިންޝުއަރަންސް އަދި ލައިފް އިންޝުއަރަންސްގެ ހިދުމަތް ލިބޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެލައިޑުގެ މެނޭޖިން ޑިރެކްޓަރު އަމީލް ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު

އެލައިޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ، އެ ސަރަހައްދުގައި އޮފީސް ހުޅުވުމުގެ މައިގަނޑު މަގްސަދަކީ އެ ސަރަހައްދުގައި ސަރުކާރުގެ ގިނަ އޮފީސްތަކެއް ގާއިމްކޮށްފާއި ހުރުމާ އެކު، އެއް ހިސާބަކުން ކަސްޓަމަރުންނަށް އިންޝުއަރަންސް ހިދުމަތް ލުއިފަސޭހަކަމާ އެކު ފޯރުކޮށްދިނުން ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، އަމީރު އަހުމަދު މަގުގައި އޮފީސް ހުޅުވުމުގެ ސަބަބުން ކަސްޓަމަރުންގެ ވަގުތު ސަލާމަތްވެ އިންޝުއަރަންސް ޕޮލިސީ ނަގަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރު އެލައިޑް ހިދުމަތް ބައިނަލްއަގުވާމީ ފެންވަރަށް ފުޅާކުރާނެ ކަމަށް ވިދާޅުވި އެވެ.

އެ އޮފީސް މެދުވެރިކޮށް އިންޝުއަރަންސާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެލައިޑުން ފާހަގަކުރެ އެވެ.