ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ ޕާސްޕޯޓު ހިފެހެއްޓި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މުހުތާޒުގެ ޕާސްޕޯޓް ހިފެހެއްޓި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ވެސް ފުލުހުން އެދިފައި ނުވާނެ ކަމަށެވެ.

މުހުތާޒު ޕީޖީގެ މަގާމުން ވަކިކުރުމަށް އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުންނެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިކުރެއްވީ މަގާމާ އެކަށީގެންނުވާ ވަރުގެ ކަމެއް ކޮށްފައިވާތީ ކަމަށެވެ.

އިދިކޮޅު އެމްޑީޕީ މެމްބަރުން ވިދާޅުވެފައި ވަނީ މުހުތާޒަށް ޖަވާބުދާރީވުމުގެ ފުރުސަތު މަޖިލީހުން ދީފައިނުވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ސަބް ކޮމެޓީއަށް މުހުތާޒު ހާޒިރުކޮށް މެމްބަރުން ވަނީ އޭނައާ ސުވާލުކޮށްފަ އެވެ. އޭނާގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅޭ މައުލޫމާތު ސާފުކުރަން ފުލުހުން ވެސް އެ ކޮމެޓީއަށް ހާޒިރުކުރި އެވެ.

މުހުތާޒު ވިދާޅުވެފައި ވަނީ އޭނާ ބޭނުންވަނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން ކަމަށެވެ. އަދި މެމްބަރުން ކުރެއްވި ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކުރައްވައިފަ އެވެ.