15 Nov 2015, 10:09
ޔުނެސެފުން ކުޑަކުދިންނަށް ފަންޑް ހޯދަން ކުޅުނު އެކުވެރިކަމުގެ ޗެރިޓީ މެޗުގައި ޑޭވިޑް ބެކަމްގެ އިރުޝާދުގެ ދަށުން ކުޅުނު ގްރޭޓް ބްރިޓަން އަދި އަޔަލޭންޑްއިން ހޮވާލެވުނު ޓީމުން، ކާމިޔާބުކޮށްފި އެވެ.
މި މެޗު ބެކަމް ޓީމު ކާމިޔާބު ކުރީ ޒައިނުއްދީން ޒިދާންގެ ޓީމާ ވާދަކޮށް 3-1 އިންނެވެ. ނަމަވެސް ފްރާންސްގައި ދިން ބޮމުގެ ހަމަލާގެތަކުގެ ހިތާމައިގައި ޒައިނުއްދީން ޒިދާން މި މެޗުގައި ނުކުޅެ އެވެ. އޭނަގެ ފަރާތުން މެޗުގައި ކެޕްޓަންކަން ކުރީ ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ލުއިސް ފީގޯ އެވެ.

ރޭގެ މެޗްގައި ބެކަމް ސަޕޯޓާރުންނަށް އިޝާރަތްކޮށް ޝުކުރު އަދާކުރަނީ --- ފޮޓޯ:އޭޕީ
ބެކަމްގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ޓީމުގެ ކޯޗުކަން ސާ އެލެކްސް ފާގަސަން ކުރިއިރު، އަނެއް ޓީމުގެ ކޯޗުކަން ކުރީ ކާލޯ އެންޗެލޯޓީ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އޯލް ޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، ގްރޭޓް ބްރިޓަން އަދި އަޔަލޭންޑްއިން ހޮވާލެވުނު ޓީމުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލް މައިކަލް އޮވެން ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ ޕައުލް ސްކޯލްސް އެވެ.
ޒިދާން ހޮވާލާފައިވާ ދުނިޔޭގެ ތަރިން ޓީމަށް ލަނޑު ޖަހައިދިނީ މެންޗެސްޓާގެ ކުރީގެ ފޯވަޑް ޑުވައިޑް ޔޯކެވެ. މި މެޗުގައި ނިކީ ބަޓަށް އަނިޔާގެ ބާލަން ޖެހުނީ އަށިގަނޑުގަ އެވެ. އެޑްވިން ވެންޑަސާ އާއި ރޮނާލްޑީނިއޯ އާއި ކަފޫ އާއި ފީގޯ އަދި ސީޑޯފް އާއި ރޮބްޓް ޕިރޭޒް އަދި ޕެޓްރިކް ކްލައިވެޓް ފަދަ ކުރީގެ ތަރިން މި މެޗުގައި ކުޅުނެވެ.

ރޭގެ މެޗްގައި ބެކަމްގެ ބަދަލުގައި ބްރޫކްލީން ބެކަމް ކުޅެން އަރަނީ --- ފޮޓޯ:އޭޕީއިޓަލީގެ ކުރީގެ މަޝްހޫރު ރެފްރީ ޕިއަރް ލުއިޖީ ކޮލީނާ ރެފްރީކަން ކުރި މެޗުގެ ވަކި ހިސާބަކުން ފާގަސަން ވަނީ، ބެކަމް ބޭލުމަށް ފަހު އޭނާގެ އުމުރުން 16 އަހަރު ދަރިފުޅު، ބްރޫކްލިން ބެކަމް ކުޅެން އަރުވައިފަ އެވެ. ނަމަވެސް މެޗަށް ފަހު ބެކަމް ބުނީ ފުޓްބޯޅަ ކުޅުންތެރިއަކަށްވުމަށްވުރެ ބޮޑަށް ދަރިފުޅު ބޭނުން ވަނީ ފޮޓޯގްރާފަރަކަށްވާން ކަމަށެވެ.
މި މެޗުގެ ޓިކެޓް ވިއްކައިގެން ލިބުނު ފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ، ޔުނިސެފްގެ ކުޑަކުދިންގެ ޗެރިޓީއަށެވެ. މި މެޗު ބެލުމަށް 75،000 އަށް ވުރެ ގިނަ މީހުން ދަނޑަށް ވަދެފައިވެ އެވެ.