15 Nov 2015, 09:50
ޕެރިސް (ނޮވެމްބަރު 15) : އައިއެސް ޖަމާއަތުން ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ދިން ލޭއޮހޮރުވުން ބޮޑު ޓެރަރިސްޓް ޙަމަލާތަކަށް ފަހު އެގައުމުގެ އިތުރުން މުޅި ޔޫރަޕް ޓެރަރިޒަމްގެ ވިލާގަނޑެއްގެ ދަށުގައި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ވާކަމަށް ޔޫރަޕްގެ މަޝްހޫރު ބައެއް ނޫސްތަކުން ބުނެފި އެވެ.
އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނާއި ސްޕޭން ފަދަ ގައުމުތަކުގެ މަޝްހޫރު ނޫސްތަކުގެ އެޑިޓޯރިއަލް ލިޔުންތައް ބުނާ ގޮތުން އަވަށްޓެރި އަރަބި ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ޓެރަރިޒަމްގެ އަމަލުތަކުގެ ސަބަބުން ޔޫރަޕަށް ވެސް ސަލާމަތްކަން ނެތްކަމަށާ ޔޫރަޕް ވަނީ ޓެރަރިޒަމްގެ ބިރުވެރިކަމުގެ ތެރޭގައި ކަމުގަ އެވެ.
ޔޫރަޕަށް ކޮންމެ ދުވަހަކު އެތަށް ހާހަކުން އެތެރެވާ ސޫރިޔާގެ ރެފިއުޖީންނާ އެކު އައިއެސް ޖަމާއަތާއި އެނޫން ވެސް ހަތިޔާރުއެޅި ޖަމާއަތްތަކުގެ ޓެރަރިސްޓުން ވެސް ވަންނަމުންދާއިރު އެކަން ހުއްޓުވުމުގައި ޔޫރަޕް ނުކުޅެދިފައިވާ ކަމަށާ ދެން ބޮންގޮއްވާލާނީ ކޮން ގައުމެއްގައިކަން ބުނެދޭންނޭންގޭ ކަމަށް ވެސް ޔޫރަޕްގެ ނޫސްތައް ބުނެ އެވެ. ޚާއްސަކޮށް ސޫރިޔާގެ ރެފިއުޖީން އެންމެ ގިނައިން ހިޖްރަކުރާ ގައުމު ކަމަށްވާ ޖަރުމަނުގެ ނޫސްތައް ބުނެފައިވަނީ އެގައުމުވަނީ ޓެރަރިސްޓުންގެ ގޯލް އޭރިޔާ ތެރޭގައި ކަމުގަ އެވެ.
އައިއެސް ޖަމާއަތުން ޕެރިހަށް ދިން ލޭއޮހޮރުވުންބޮޑު ޙަމަލާތަކުގައި 129 މީހުން މަރުވެ ތިންސަތޭކައެއްހާ މީހުން ޒަޚަމްވެފައިވާ އިރު މިއީ ފާއިތުވި 40 ހަކަށް އަހަރު ތެރޭގައި ވިލާތުގެ ގައުމަކަށްދިން އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި ދެވަނަ ހަމަލާކަމަށް ވެސް ޔޫރަޕްގެ ނޫސްތަކުންވަނީ ސިފަކޮށްފަ އެވެ. އަދި ޓެރަރިސްޓުންގެ ކުރިމަތީގައި ޔޫރަޕްގެ ޖާސޫސީ އިދާރާތައް ރަނގަނޅަށް މަސައްކަތްނުކުރާ ކަމުގެ ޝަކުވާ އާންމުން ކުރަމުން ގެންދާކަން ވެސް މިނޫސްތަކުގައި ހާމަކޮށްފައިވެ އެވެ. ޕެރިހަށް ދިން ލޭއޮހޮރުވުން ބޮޑު ޙަމަލާތަކަށް ފަހު ޔޫރަޕްގެ ގާތްގަނޑަކަށް ހުރިހާ ގައުމެއްގައާއި އެމެރިކާގައި ސަލާމަތީ ފިޔަވަޅުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފައިވެ އެވެ. ޔޫރަޕްގެ ގައުމުތަކަކީ އޭޝިޔާއާއި އެފްރިކާއާއި ލެޓިން އެމެރިކާގެ ގައުމުތަކުގައި ސަލާމަތާއި ރައްކާތެރިކަން ނެތްކަމަށްބުނެ އެ ގައުމުތަކާ ދެކޮޅަށް ޓްރަވެލް އެޑްވައިޒަރީތައް އަވަސް އަވަހަށް ނެރެމުންދާ ގައުމުތަކެކެވެ. ނަމަވެސް މިހާރު މިވަނީ ހާލަތު މުޅިން އަނެއްކޮޅަށްޖެހި ޔޫރަޕަށް ދިޔުން ރައްކާތެރިނޫން ކަމަށް ބުނެ އެހެންގައުމުތަކުން ޓްރަވެލް އެޑްވައިޒަރީތައް ނެރޭ ހާލަތުގަ އެވެ.
ޓެރަރިޒަމްގެ ބިރުވެރިކަމެއްގެ ތެރޭގައި ޔޫރަޕް ވިނަމަވެސް އެމެރިކާގެ އަމަނާބެހޭ އިދާރާތަކުން ބުނެފައިވަނީ ޓެރަރިސްޓް ހަމަލާތަކެއް އަތުވެދާނެ ކަމުގެ ސީދާ ބިރެއް އެމެރިކާއަށް ނެތްކަމުގައެވެ. މިއާއެކުވެސް ޕެރިސްގެ ޙަމަލާތަކަށްފަހު އެމެރިކާގެ ބޮޑެތި ސިޓީތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވެއެވެ. އަދި އައިއެސްގެ ޓެރަރިސްޓް ހަމަލާތަކެއް އަތުވެދާނެތީ އެމެރިކާ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަން ކުޑަކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް އެމެރިކާ ސަރުކާރުން ބުނެއެވެ. އައިއެސް ޖަމާއަތާއި އެނޫންވެސް ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތަކަކީ ބަދަލުހިފުންފަދަ އެޖާމާއަތްތަކުގެ އަމިއްލަ މަގްސަދްތަކެއް ޙާސިލް ކުރުމަށް މަސައްކަތްކުރާ ޖަމާއަތްތަކެކެވެ.
ފަލަސްތީނުގެ މައްސަލައާއި އިސްރާއީލު ހިފާފައިވާ މާތްވެގެންވާ މަސްޖިދުލްއަގްސާގެ މައްސަލައާއި މިޔަންމާގެ ރޮހިންޔާ މުސްލިމުންގެ މައްސަލަފަދަ އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިއްމު އަދި ބޮޑެތި މައްސަލަތަކަކީ މިފަދަ ޓެރަރިސްޓް ޖަމާއަތްތަކުން އެއްގޮތަކަށް ވެސް އަޅާލާ އަދި ސަމާލުކަންދޭ މައްސަލަތަކެއްނޫނެވެ. އައިއެސްފަދަ ޓެރަރިސްޓް ޖަމާއަތްތަކުން އިސްރާއީލަށް ހަމަލާދޭނެ ކަމަށް ނޫނީ ފަލަސްތީނު މިނިވަންކޮށްދޭނެކަމަށް ދެކޭ ފަރާތްތަކަކީ ހުވަފެނެއްގައި ތިބޭ ފަރާތްތަކެކެވެ. އައިއެސްއާއި އަލްގާއިދާ އާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ހަނގުރާމަވެރިންގެ އަތްފޯރާ ފަށުގައި އިސްރާއީލު އޮންނަ އިރުވެސް މިފަދަ ޖަމާއަތްތަކުން ހަމަލާދެނީ ސުންނީ މުސްލިމް ގައުމުތަކުގެ މިސްކިތްތަކަށާއި ތުރުކީފަދަ އިސްލާމީ ގައުމުތަކުގެ ސުންނީ މުސްލިމުންނަށާއި އެޖަމާއަތްތަކާ ހަނގުރާމަކުރާ ފަރަންސޭސިވިލާތް ފަދަ ޔޫރަޕްގެ ގައުމުތަކަށެވެ. މީގެ އިތުރުން ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރާ ޖަމާއަތްތަކަށް ހަމަލާދީ ފަލަސްތީނުގެ ޖަމާއަތްތައް ބަލިކަށި ކޮށްލުމަށްވެސް މިފަދަ ޓެރަރިސްޓް ޖަމާއަތްތަކުން މަސައްކަތް ކުރަމުން ގެންދެ އެވެ.
އައިއެސް ޖަމާއަތް އުފެދިފައިވަނީ އެމެރިކާ ސިފައިން އިރާގަށްއަރައި ހިންގި އަނިޔާވެރި އަމަލުތަކާ ގުޅިގެން ބަދަލުހިފުމުގެ ރޫހެއްގަ އެވެ. ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން މިޖަމާއަތް އިތުރަށް ވަރުގަދަވެފައިވެއެވެ. (ނޫސްއެޖެންސީތައް)